ދެން އުފެދޭނީ ނަޒާހާތްތެރި، ނަމޫނާ މަޖިލީހެއް: ނަޝީދު

އަންނަ އެޕްރީލް މަހު ބާއްވާ އިންތިޚާބަށް ފަހު އުފެދޭނީ، ރައްޔިތުންގެ މަޖިލީހާ މެދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ކިލަނބުކަން ފިލައިދާނެ، ނަޒާހަތްތެރި ނަމޫނާ މަޖިލީހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު މެދު ދާއިރާ އަށް ވާދަކުރައްވާ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރުގެ ކެމްޕޭން ލޯންޗްކުރަން ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ މިހާތަނަށް އުފެދިގެން ދިޔަ މަޖިލީސްތަކުން ރައްޔިތުންގެ އުއްމީދުތައް ހާސިލްވެފައި ނުވާ ކަމަށެވެ. އެކަމަކު އެއާ ޚިލާފަށް، ދެން އުފެދޭނީ ރައްޔިތުން އެދޭ ފަދަ މަޖިލީހެއް ކަމުގެ ޔަގީންކަން، މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާ ނަޝީދު ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވޯޓެއް ނުވިއްކާނެ އެވެ. އެ މަޖިލީހަށް ކުރިމަތިލާ އެންމެންނަށް، ރައްޔިތުންގެ ވިސްނުން ސާފުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ލަދެއް ނެތި ފައިސާ ގޯނީގެ ވާހަކައެއް ނުދައްކާނެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާ މައްސަލަތަކުގައި، މެމްބަރުން ބަރޯސާ ވާނީ ހަމަ އެންމެ ކަމަކަށް. އެއީ ރައްޔިތުންގެ އިހްސާސްތަކަށް، ރައްޔިތުންގެ ވިންދަށް، ރައްޔިތުންގެ ބޭނުމަށް، ރައްޔިތުންގެ އާދޭހަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސްގެ ކެމްޕޭން ލޯންޗުކުރަން ބޭއްވި ހަފުލާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ދައުރަކަށް ވާނީ، ދެން އުފެދޭ މަޖިލީހަކީ މިހާތަނަށް ރާއްޖެ ދެކެފައި ނުވާނެ ފަދަ މަޖިލީހަކަށް ހެދުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ތަރައްގީގެ އެންމެ ބޮޑު އެއް ވަސީލަތް ކަމަށާއި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައިދިނުމަށް ބޭނުންވާނެ ގާނޫނީ ބާރުވެރިކަން ފޯރުކޮށްދޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވިދާޅުވި އެވެ.

އެ ބޭނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ދޭން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. ރައްޔިތުން އެދި ގޮވަނީ ވެސް އެ މަގަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެންދަން ކަމަށް ވެސް ވިދާޅުވި އެވެ.

އަނަސް ވާހަކަ ދައްކަވަނީ: ޕްރައިމަރީ ކާމިޔާބު ކުރައްވަން މާފަންނު މެދު ދާއިރާގެ ރައްޔިތުން އެއްބާރުލުން ދޭން އެދިވަޑައިގެންނެވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

"ދިވެހި ރައްޔިތުންގެ އުއްމީދު ފަނުފުލުން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވާނީ އެ މަޖިލީހުގައި އަޅުގަނޑުމެންނަށް އަޣުލަބިއްޔަތު ނެތުން،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް އެދި ތިބި ޝަރުއީ ނިޒާމް އިސްލާހު ކުރެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. މިނިވަން މުއައްސަސާތައް ވެސް ޖަވާބުދާރީކުރުވައި، ޒިންމާދާރުކުރެވޭނީ މަޖިލީހަށް ކަން ފާހަގަކުރެއްވި އެވެ.

މަޖިލީސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން އެކުގައި ވާދަކުރަން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް އިޝާރާތް ކުރައްވައި މިރޭ ވެސް ވިދާޅުވީ މަޖިލީހުގެ 87 ގޮނޑި އަށް ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމުމުން މަރުހަބާ ވިދާޅުވާ ކަމަށެވެ. އެ ނިންމުމާ ގުޅިފައި ވަނީ ރައްޔިތުން ބޭނުންވާ މެމްބަރުން ހޮވުމުގެ އިޚްތިޔާރު ރައްޔިތުންނަށް ދޫކޮށްލުން ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅު ނިންމާލެއްވީ، ޖުމްހޫރީ ޕާޓީ އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ވެސް ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ބަދުބަސް ބުނުމާއި އެންޓި ކެމްޕޭން ކުރުން ފަދަ ކަންކަމުން ދުރުވެ ތިބެން އިލްތިމާސްކުރައްވަމުންނެވެ. ސަރުކާރު ހިންގަން އިއްތިހާދުވެ ތިބީ "އެކުވެރިން"ގެ ގޮތުގައި ކަމަށް ނަޝީދު ސިފަކުރެއްވި އެވެ.

އަނަސްގެ ކެމްޕޭން ލޯންޗު ކުރުމުގެ ހަފުލާގައި މާފަންނު މެދު ދާއިރާގެ ބައެއް މީހުން ބައިވެރިވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އަނަސް ވިދާޅުވީ ޕްރައިމަރީ ކާމިޔާބުވެ، މަޖިލީހަށް ހޮވިއްޖެ ނަމަ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަމާ އެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މާފަންނު މެދު ދާއިރާގެ އަޑު މަޖިލިހުގައި އިއްވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން، އޭނާ ވިދާޅުވި ގޮތުގައި، އެ ނޫން ވައުދަކުން ރައްޔިތުންގެ ހައްގެއް ނުހޯދޭނެ އެވެ.

"ރައްޔިތުންނަށް މި ހާލު ޖެހުނީ ރައްޔިތުންގެ ވޯޓުން ޒިންމާ އަދާކުރި ބައެއް މެމްބަރުން އިހުމާލުވުމުން. ރައްޔިތުންނަށް ހައްގު ހޯދައިދޭން، ރައްޔިތުންގެ އަޑު އުފުލަން ވައުދުވެވަޑައިގެން މަޖިލީހަށް ވަޑައިގެންނެވި ބޭފުޅުން ޒިންމާއަދާ ނުކުރެއްވުމުން،" އަނަސް ވިދާޅުވި އެވެ.

އެކަން ބަދަލުކުރުމުގައި މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ދެއްވަން އަނަސް އެދިވަޑައިގަތެވެ.