ސިނގިރޭޓާއި ދުފުމާއި ހަކުރާ ދެކޮޅު ބޮޑު ކެމްޕޭނެއް

ސިނގިރެޓާއި ދުފުމާއި ހަކުރު އަޅާ ފޮނިކޮށްފައި ހުންނަ ބުއިންތަކާއި ނުރަނގަޅު ކާނާއާ ދެކޮޅު ބިޔަ ކެމްޕެއިންތަކެއް ހިންގުމަށް 21 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.


ނުރަނގަޅު ކާނާއާ ދެކޮޅަށް ހޭދަ ކުރާ ފައިސާ އިތުރު ކުރުން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ނުރަނގަޅު ކާނާއާ ދެކޮޅަށް ކެމްޕެއިން ކުރުމަށް މިހާރު ހަރަދު ކުރަމުންދަނީ މިލިއަނެއްހާ ރުފިޔާ ކަމަށެވެ.

ނަމަވެސް އަންނަ އަހަރު ނުރަނގަޅު ކާނާއާ ދެކޮޅަށް ތަފާތު 30 ކެމްޕެއިނެއް ކުރުމަށް ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓް މީހުންނަކީ ގައިން ގަޔަށް ނާރާ، ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ހިތުގެ ބަލީގައި މަރުވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނާއި ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.

ރާއްޖެ އަށް އަހަރަކު 460 މިލިއަން ސިނގިރެޓު އެތެރެ ކުރެ އެވެ. އެއީ 1.6 ބިލިއަން ރުފިޔާގެ ސިނގިރެޓެވެ. ރާއްޖޭގެ އަންހެނުންގެ އާބާދީގެ ތިން ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. އަދި ފިރިހެނުންގެ އާބާދީގެ 34 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ.

އާދަޔާ ހިލާފަށް ހަކުރު އަޅައި ފޮނިކޮށްފައި ހުންނަ އެނާޖީ ޑްރިންކްސްގެ 40 އަށް ވުރެ ގިނަ ބްރޭންޑު ރާއްޖޭގެ ބާޒާރުން ލިބެން ހުރެ އެވެ. އެނާޖީ ޑްރިންކްސް ބޭނުން ކުރާ މީހުންގެ ނިސްބަތް ނޭންގުނު ނަމަވެސް ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެނާޖީ ޑްރިންކްސް ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އަންހެނުންގެ އާބާދީގެ 42 ޕަސެންޓަކީ ފަލަ މީހުންނެވެ. ފިރިހެނުންގެ އާބާދީގެ 32 ޕަސެންޓަކީ ފަލަ މީހުންނެވެ. އަދި އަންހެނުންގެ އާބާދީން 82 ޕަސެންޓު މީހުންނަކީ އެކަށީގެންވާ މިންވަރަށް ކަސްރަތު ނުކުރާ މީހުންނެވެ. ކަސްރަތު ނުކުރާ ފިރިހެންގެ ނިސްބަތަކީ 58 ޕަސެންޓެވެ.

ރާއްޖޭގައި ތަރުކާރީ އާއި މޭވާ އެކަށީގެންވާ މިންވަރަށް ބޭނުން ނުކުރާ މީހުންގެ ނިސްބަތް ވެސް އާދަޔާ ހިލާފަށް ގިނަ އެވެ. އެގޮތުން އަންހެނުންގެ އާބާދީގެ 94 ޕަސެންޓަކީ އެކަށީގެންވާ މިންވަރަށް ކާނާ އާއި ތަރުކާރީ ބޭނުން ނުކުރާ މީހުންނެވެ. ފިރިހެނުންގެ ތެރެއިން އެ އަދަދު އުޅެނީ 92 ޕަސެންޓުގަ އެވެ.

ދުންފަތަކީ ކެންސަރު ޖެހޭ ވަރަށް ގިނަ މާއްދާ އެކުލެވޭ އެއްޗެކެވެ. ހަކުރު އަޅާ ފޮނިކޮށްފައިވާ ބުއިންތަކުގެ ސަބަބުން ވެސް މީހާގެ ފުރާނަ އަށް ގެއްލުންވާ ވަރަށް ގިނަ ބަލިތައް ޖެހެ އެވެ. އަދި ސުޕާރީއަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހިވާ ވަރަށް ގިނަ ކެމިކަލްތައް އެކުލެވޭ އެއްޗެކެވެ.

އެ ޖަލްސާގައި ވަނީ ހެލްތު ޕްރޮމޯޝަން އެޑްވައިޒަަރީ ބޯޑެއް އެކުލަވާލައި އެ ބޯޑަށް މެންބަރުން އަށް މެންބަރުން ވަނީ އައްޔަން ކޮށްފަ އެވެ. އެއީ ހެލްތު މިނިސްޓްރީން ހަދީޖާ އަބްދުއްސަމަދާއި އެޗްޕީއޭގެ މައިމޫނާ އަބޫބަކުރާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ތޫމާ އާދަމް އާއި އެޑިއުކޭޝަން މިނިސްޓްރީގެ ހުސެއިން ރަޝީދު މޫސާ އާއި މެޑިކަލް އެސޯސިއޭޝަނުން ޑރ. ނިޔާޝާ އިބްރާހިމާއި މީޑިއާ ކައުންސިލުން އަޒްމީ އަލީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުން އަހުމަދު ރާޝިދާއި އޮލިމްޕިކް ކޮމެޓީން އަހުމަދު މަރުޒޫގެވެ.

އޭގެ އިތުރުން ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތިން މީހަކު އައްޔަން ކުރައްވާނެ އެވެ. ނަމަވެސް އަދި އެ ތިން މެންބަރުން އައްޔަނެއް ނުކުރައްވަ އެވެ.