ނައިބު ރައީސް އެނާޖީ ޑްރިންކްސް ބެއްލެވުން ހުއްޓާލައްވައިފި

އެނާޖީ ޑްރިންކާއި ހަކުރު އަޅައި ފޮނިކޮށްފައި ހުންނަ ބުއިންތައް ބެއްލެވުން މިއަދުން ފެށިގެން ހުއްޓާލައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.


ނުރަނގަޅު ކާނާއާ ދެކޮޅަށް ހޭދަ ކުރާ ފައިސާ އިތުރުކުރުން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ފައިސަލް ވަނީ ބޮޑު ކަމެއް ދިމާވުމުގެ ކުރިން ރައްކާތެރިވުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި މިއަދުން ފެށިގެން އެނާޖީ ޑްރިންކްސް ނުބައްލަވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑު، އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން އަޅުގަނޑުގެ ނަފްސަށް، އަޅުގަނޑު މި ކަންތައްތަކާ ދުރުހެލިވުމަށްޓަކައި އެނާޖީ ޑްރިންކްސްތަކާއި މި ކަންތައްތަކުން މިއަދުން ފެށިގެން އިރާދަ ކުރެއްވިޔާ އަޅުގަނޑު ދުރުހެލިވާނަން،" ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ، ދިރިއުޅުމުގެ އާދަތަކާ ގުޅުންހުރި ބަލިތަކުން މަރުވާ މީހުންނެވެ. މީގެ ތެރޭގައި އެންމެ ގިނައީ ހިތުގެ ބަލިތަކުގައި މަރުވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކުން މަރުވާ މީހުން އަދި ކެންސަރު ޖެހިގެން މަރުވާ މީހުންނެވެ.

އެ ޖަލްސާގައި ފައިސަލް ވަނީ އެނގިފައިވާ މައުލޫމާތުތަކުގެ މައްޗަށް އަމަލު ކުރުން ވަރަށް މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް، ކިތަންމެ ޖަލްސާތަކެއް ބޭއްވި ނަމަވެސް، ގައުމުގެ ހުރިހާ ދާއިރާތަކުން، ސްކޫލްތަކުން ފެށިގެން ގޭބީސީތަކުން ސަރުކާރުގެ އޮފީސްތަކާއި ކްލަބް ޖަމިއްޔާތަކާއި ކުޅިވަރު ކުޅޭ މީހުންގެ ތެރޭގައި މި ކަންތައްތަކަށް ސަމާލުކަމެއް ނުދެވިއްޖެ ނަމަ ފަސް އަހަރު ފަހުން އަޅުގަނޑުމެން ދައްކަންޖެހޭނީ މި ވާހަކަ،" އެމނިކުފާނު ވިދާޅުވި އެވެ.

ދިވެހިންގެ އާދަ ހުންނަ ގޮތުން ކަމެއް ދިމާވުމުގެ ކުރިން އެކަމަކަށް ރައްކާތެރިވުމަކީ ވަރަށް މަދުން ކުރާ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ހަގީގަތުގައި އަޅުގަނޑުމެންނަށް ނަސޭހަތުގެ އަޑު އެހޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ބައެއް ފަހަރު ފަރުވާކުޑަ ކުރެވެނީ. އަޅުގަނޑުމެންގެ އާދަކާދަ ހުންނަ ގޮތުން، ފަރިތަވެފައި ހުންނަ ގޮތުން ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ކަމަކާ ބައްދަލުނުވަނީސް އެކަމަކަށް ތައްޔާރުވުން އެކަމަކަށް ރައްކާތެރިވުން އޮންނަނީ ތަންކޮޅެއް ދުރުގައި. މިއީ މިއަދުގެ މުޖްތަމައު ފުންކޮށް ވިސްނަންޖެހޭ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

ރައްކާތެރިނުވުމުގެ ސަބަބުން ސިއްހަތަށް ކުރަންޖެހޭ ހޭދަ ވެސް ބޮޑުވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގައުމުގައި ސިއްހީ ކަންތައްތަކަށް ކުރަންޖެހޭ ހޭދަ މިހާ ބޮޑަށް އިތުރުވެގެންދާ ސަބަބަކީ ބަލިތަކާ ހަނގުރާމަ ކުރަންޖެހޭ ސަބަބަކީ އާއިލާތަކުގެ ހިތާމަ އިތުރުވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ އަޅުގަނޑުމެންނަށް ރައްކާތެރިނުވެވުން،" ފައިސަލް ވިދާޅުވި އެވެ.

ނުރަނގަޅު ކާނާއާ ދެކޮޅަށް ވާހަކަ ދައްކާއިރު އެފަދަ ތަކެތި އިސްތިހާރު ކުރުމާމެދު ސަމާލުވާންޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ދުންތަފާއި އެނާޖީ ޑްރިންކްސްތަކާއި ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކުން ދުރުހެލިވާ ވާހަކަ ދައްކާއިރު އަނެއްކޮޅުން އަޅުގަނޑުމެން އެބަޖެހޭ މި ކަންތައްތައް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމާމެދު ފުންކޮށް ވިސްނަން. އަޅުގަނޑު މި ވާހަކަ ދައްކާފައި ގެއަށް ގޮސް ޓީވީ ހުޅުވާލާއިރު އަޅުގަނޑަށް ފެންނާނީ ކޮންމެވެސް އެހެން މަންޒަރެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ދުންފަތަކީ ކެންސަރު ޖެހޭ ވަރަށް ގިނަ މާއްދާ އެކުލެވޭ އެއްޗެކެވެ. ހަކުރު އަޅާ ފޮނިކޮށްފައިވާ ބުއިންތަކުގެ ސަބަބުން ވެސް މީހާގެ ފުރާނަ އަށް ގެއްލުންވާ ވަރަށް ގިނަ ބަލިތައް ޖެހެ އެވެ. އަދި ސުޕާރިއަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހިވާ ވަރަށް ގިނަ ކެމިކަލްތައް އެކުލެވޭ އެއްޗެކެވެ.