އެއްވެސް މުވައްޒަފެއްގެ ވަޒީފާ ގެއްލުނުކަން އަންގާފައި ނުވާނެ: ސީއެސްސީ

ސިވިލް ސާވިސްގެ މުވައްޒަފުންނާ ގުޅޭ ގޮތުން އަލަށް އެކުލަވައިލި ގަވައިދާ އެކު، މުވައްޒަފުންތަކެއް ވަކި ކުރަން އެއްވެސް އިދާރާއަކަށް އަންގާފައި ނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގައި އެއް ހަމައަކުން އަމަލުކުރަން އެކުލަވާލި އޮނިގަނޑު ތަންފީޒު ކުރާއިރު، ހައުސިން މިނިސްޓްރީގެ 40 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އަދި ހައުސިން މިނިސްޓްރީގެ މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯދަން މަޝްވަރާ ކުރަމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.

ހައުސިން މިނިސްޓްރީގެ 40 މުވައްޒަފެއްގެ ވަޒީފާ ގެއްލުމުގެ ބިރު ހީވީ ސިވިލް ސާވިސްގެ އާ އުސޫލުގައި ޖީއެސް3 އަދި ޖީއެސް4 ރޭންކުގެ މުވައްޒަފުން ނުހިމެނޭތީ އެވެ. އެކަމަކު، އެ ރޭންކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހައުސިން މިނިސްޓްރީގައި އުޅެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް އެކުލަވައިލި އުސޫލަކީ މުވައްޒަފުން ދޫކޮށްލުމުގައި ބަލާ ހާލަތްތަކަށް އަމަލު ކުރުމުގައި އެކި އިދާރާތަކުން އެކި އުސޫލު ގެންގުޅޭތީ އެއް އުސޫލަކުން އެކަން ކުރުމަށްޓަކައި އެކުލަވައިލި އުސޫލެއް ކަމަށެވެ.

އިދާރާއެއްގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާ ދޫކޮށްލަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އެހެން އިދާރާއަކުން ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮމިޝަނުން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެއްދި ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ، މި ސަރުކާރުން ވަނީ ދެ މިނިސްޓްރީއަކަށް ބަހާލައިފަ އެވެ.

ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ އުފައްދާފައި އޮތް ނަމަވެސް ދެ މިނިސްޓްރީ އަދި ހިންގަނީ އެއް އިމާރާތެއްގަ އެވެ. ހައުސިންގެ މުވައްޒަފުން ވެސް އެ ދެ މިނިސްޓްރީ އަށް ބަހައެއް ނުލަ އެވެ.