ރައީސް ނ. ހެނބަދޫގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނ. ހެނބަދުއަށް ވަޑައިގެންފި އެވެ.


ނ.އަތޮޅުގެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ނ. ހެނބަދޫއަށް ރައީސް ވަަޑައިގެންނެވީ އެރަށުގެ ނަރުދަމާ ނިޒާމް އިފްތިތާހްކޮށްދެއްވުމަށެވެ. އެމަނިކުފާނު އަރިހުގައި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވަޑައިގަތެވެ.

އާބާދީގައި 700 މީހުން އުޅޭ ހެނބަދޫގެ ނަރުދަމާ ނިޒާމު ގާއިމުކޮށްދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ އަމިއްލަ ޚަރަދުގަ އެވެ. މުހައްމަދު މޫސާއަކީ ގިނަ ގޮތް ގޮތުން ހެނބަދުއާ ގުޅުން ބޮޑު ބޭފުޅެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރ. ދުވާފަރާއި ޅ. އަތޮޅުގައި އަލަށް ތަރައްގީ ކޮށްފައިވާ ރިސޯޓެއް ކަމަށްވާ ކުޑަދޫއަށް އިއްޔެ ވަޑައިގެންނެވި އެވެ. ރ. ދުވާފަރަށް އެމަނިކުފާނު ވަޑައިގެންނެވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވަޑައިގެންނެވުމަށް ޓަކައެވެ.

ރައީސް އިއްޔެގައި ވަނީ ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވެސް ވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރެއްވި ކެމްޕޭން ދަތުރުފުޅުތަކުގައި ނ. އަތޮޅުން އެންމެ ފުރަތަަމަ ވަޑައިގެންނެވީ ވެސް ހެނބަދުއަށެވެ.