ޔާމީންގެ އާ ޕާޓީ އުފައްދަން ހުއްދަ ދީފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ މިއަދު ދީފި އެވެ.


އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި އެ ޕާޓީ އަށް 3،000 މެމްބަރުން ހަމަކުރުމުގެ ފުރުސަތު މިހާރު ވަނީ ދީފަ އެވެ. ގާނޫނުގައިވާ ގޮތުން، ސައްހަ 3،000 މެމްބަރުން ހަމަކުރަން ތިން މަސް ލިބެ އެވެ. އެކަމަކު އެއަށް ވުރެ ކުރިން އެ އަދަދު ހަމަކޮށްފި ނަމަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭނެ އެވެ.

ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އާ ޕާޓީއެއް އުފެއްދެވުމަށް ހުށަހެޅުމުން ފުރަތަމަ އީސީން ހުއްދައެއް ނުދިނެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ، އޭނާ ޕީޕީއެމުން ވަކިވެވަޑައިގެން އަލުން ހުށަހެޅުއްވުމުންނެވެ.

ސިޔާސީ މަސައްކަތްޕުޅު ކުރައްވަން ޔާމީން އާ ޕާޓީއެއް އުފައްދަވާއިރު ޕީޕީއެމްގެ ބާރުވެރިކަން ހޯއްދަވަން އެއްބަފާ ބޭބޭފުޅު، މައުމޫން އަބްދުލްގައްޔޫމްއާ ދެކޮޅަށް ކޯޓަށް ވެސް ވަޑައިގަތެވެ. އެ މައްސަލަ ޔާމީން ބޭނުންފުޅުވި ގޮތަށް ނިމި، ޕާޓީ މިހާތަނަށް ހިންގެވީ ވެސް އެމަނިކުފާނެވެ.

ޕީޕްލްސް ނެޝަނަލް ކޮންގްރެސްގެ ނަމުގައި އުފައްދާ ޕާޓީގެ ހުއްދަދިން ކަމުގެ ލިޔުން، އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް، އަބްދުއް ރަހީމް އަބްދުﷲ އާ ހަވާލުކޮށްދެއްވަނީ.

ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން، ޔާމީން ނިންމެވީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ޕީޕީއެމްގެ ތެރެއިން ހަރަކާތްތެރިވެވަޑައިގަތުމަށެވެ. އެކަމަކު ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ދިގުލައިގެންދާތީ، ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އާ ޕާޓީއެއް އުފައްދަވަނީ ވެސް އެ ސަބަބާ ހެދި އެވެ.

އާ ޕާޓީ އުފެއްދުމުން ޕީޕީއެމްގެ މެމްބަރުން އެމަނިކުފާނާ އެކު އެ ޕާޓީ އަށް ދިއުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އެއާއެކު ވެސް ސުޕްރީމް ކޯޓުން އެމަނިކުފާނަށް ފަހިވާ ގޮތަށް މައްސަލަ ނިންމައިފި ނަމަ، އާ ޕާޓީއެއްގެ ބޭނުމެއް ނެތް ކަމަށާއި އެހެން ވެއްޖެ ނަމަ އަނބުރާ ޕީޕީއެމަށް އެ މެމްބަރުން ދިއުމަށް ވެސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

ޕީއެންސީއަކީ ޔާމީން ހައްދަވާ ދެ ވަނަ ޕާޓީ އެވެ. ޑީއާރުޕީ އުފެދުމާ އެކު އެ ޕާޓީގައި ހުންނެވުމަށް ފަހު ޔާމީން އުފެއްދެވީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އެވެ. ޕީޕީއެމާ ގުޅިވަޑައިގަތީ އެ ޕާޓީ ދޫކޮށްލެއްވުމަށް ފަހު އެވެ. ޕީއޭ މިހާރު ވަނީ އުވާލައިފަ އެވެ.