ރިސޯޓްތަކުގެ އެހީ ރަށްތަކަށް ލިބުން މުހިއްމު: ރައީސް

މީހުން ދިރިއުޅޭ ރަށްތަކުގެ ކައިރީގައި ހިންގާ ރިސޯޓްތަކުން އެ ރަށްތަކަށް އެހީތެރިކަން ލިބުން މުހިއްމު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ ޗަމްޕާ ބްރަދާސް ކުންފުނިން ނ. ހެނބަދޫގައި ގާއިމުކުރި ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރިސޯޓްތަކުން ކައިރި ރަށްތަކުގެ އަސާސީ ކަންކަން ކޮށްދޭ ނަމަ އެއީ ސަރުކާރަށް ލިބޭނެ ލުޔެއް ކަމަށެވެ. ނަރުދަމާ އާއި ފެނުގެ ނިޒާމަށް ބޭނުންވެފައިވާ ރަށްތަކުގެ ކައިރީގައި ހިންގާ ރިސޯޓްތަކުން އެހީތެރިވާ ނަމަ އެފަދަ ހިދުމަތްތައް ހަލުވިކަމާ އެކު ދެވޭނެ ކަމަށް ވިދާޅުވި އެވެ.

"އެފަދަ ރަށްރަށާ ކައިރީގައި ހުރި ރިސޯޓްތަކުގެ އެހީތެރިކަން މިހާރަށް ވުރެ ފުރިހަމަ ގޮތެއްގައި ލިބޭ ނަމަ ދައުލަތުގެ ބަޖެޓަށް މާބޮޑު ބުރަޔަކަށް ނުވެ، އަދި ހަލުވި މިނެއްގައި އެފަދަ އަސާސީ ހިދުމަތްތައް ފުރިހަމަވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ހެނބަދޫގައި ނަރުދަމާ ނުހެދި އޮތުުމުން މިރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް މައްސަލަތައް ފާހަގަކުރައްވައި، އެ ނިޒާމު ގާއިމުކޮށްދެއްވީތީ ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާއަށް ޝުކުރު އަދާކުރެއްވި އެވެ.

ވާހަކަފުޅަށް ފަހު ހެނބަދޫގެ ނަރުދަމާ ނިޒާމު ރައީސް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވި އެވެ. މިއީ 18.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހެނބަދުއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި ލަފާފުރުމުގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކީ ގެދޮރުވެރި ރައްޔިތަކަށް ހެދުމެވެ.

އާބާދީގައި 750 އުޅޭ ހެނބަދުއަށް ރައީސް އަރިހުގައި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވަޑައިގަތެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރ. ދުވާފަރާއި ޅ. އަތޮޅުގައި އަލަށް ތަރައްގީކޮށްފައިވާ ރިސޯޓެއް ކަމަށްވާ ކުޑަދޫއަށް އިއްޔެ ވަޑައިގެންނެވި އެވެ. ރ. ދުވާފަރަށް އެމަނިކުފާނު ވަޑައިގެންނެވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވަޑައިގަތުމަށެވެ.

ރައީސް އިއްޔެ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި، އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވެސް ވަޑައިގެންފަ އެވެ. އަދި މިއަދު ހެނބަދުއަށް ވަޑައިގަތުމުގެ ކުރިން ޅ. ނައިފަރަށް ވެސް ޒިޔާރަތްކުރެއްވި އެވެ.