ޕީޕީއެމްގެ މައްސަލައިގައި ކޮމިޝަނުން ބަންޑާރަ ނައިބުގެ ލަފާ ހޯދަނީ

އެހެން ޕާޓީއެއް އުފައްދައި ޕީޕީއެމްގެ ލީޑާޝިފް އެއްކޮށް އެ ޕާޓީ އަށް ބަދަލުވުމުގެ ވިސްނުމެއް ގެންގުޅޭތީ އެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ލަފާ ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕް އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރާ ވާހަކަތައް ނުރަސްމީކޮށް ދެކެވޭއިރު އެކަމުގައި އޮތީ މައިގަނޑު ދެ ކަންބޮޑުވުން ކަމަށެވެ. އެއީ ޕީޕީއެމް ލީޑް ކުރާނެ ފަރާތަކީ ކޮބައިތޯ އުފެދޭ ސުވާލާއި ޕާޓީގެ އަރަންޏާއި ދަރަންޏަށް ޒިންމާވާނެ ފަރާތެއްގެ ސުވާލު ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ އެތައް ހާސް މެންބާޝިޕެއް ހިމެނޭ ޕާޓީއެއްގެ ލީޑާޝިޕް އެކީގައި އެހެން ޕާޓީއަކަށް ގޮސްފި ނަމަ ދެން އެ ޕާޓީއަށް ކުރިއަށްދެވޭނެ އުސޫލަކީ ކޮބައިތޯ. ނުވަތަ އެ ޕާޓީގައި އިސްނަގައިގެން އެކަން ކުރާނީ ކޮން ފަރާތަކުންތޯ،" ޝަރީފް ވިދާޅުވި އެވެ.

"އެ ޕާޓީގެ މިލްކިއްޔާތުގައިވާ ތަކެއްޗާއި އެ ޕާޓީގެ އަރަންޏާއި ދަރަންޏާ ދެން ތަސައްރަފު ކުރާނީ ކޮން ފަރާތަކުންތޯ ވެސް އެއީ ސުވާލެއް."

ޝަރީފް ވިދާޅުވީ އެފަދަ މައްސަލަތަކަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ހައްލެއް ލިބެން ނެތް ކަމަށެވެ. އެހެންކަމުން ބަންޑާރަ ނައިބު އަދި ގާނޫނީ އެހެން ފަރާތްތަކުގެ ލަފާ އެކަމަށް ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުގައި ނުވަތަ ގަވާއިދުގައި އެކަމަށް އަލިއަޅުވާފައެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު އެފަދަ ކަމެއް ހިނފައިފި ނަމަ ނުވަތަ ހިނގަން އުޅޭ ނަމަ އަމަލު ކުރާނީ ކޮން ގޮތަކުންތޯ ގާނޫނީ ފަރާތްތަކުގެ މަޝްވަރާ ހޯދަމުން މި ދަނީ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާ ތެރޭގައި ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފަޔަށް ވެސް ގާނޫނީ އެހެން ފަރާތްތަކާ ވެސް މަޝްވަރާ ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

ޕާޓީގެ ދަރަންޏާ މެދު ޒިންމާވާނީ ކޮން ފަރާތަކުންތޯ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މެދުގައި ބަހުސްކޮށް އެއްބަސްވުމަށް ނާދެވުނު ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ތި ސުވާލަކީ [ޕާޓީގެ ދަރަންޏާމެދު ޒިންމާވާނީ ކާކުތޯ] މި ދުވަސްކޮޅު ކޮމިޝަނުގެ މެންބަރުން ވަރަށް ގަދައަށް ބަހުސް ކުރަމުން ގެންދާ ނަމަވެސް މެންބަރުންގެ މެދުގައި އެއްބަސްވުމަކާ ހަމައަށް ނާދެވޭ ސުވާލެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ޕާޓީއެއްގެ ލީޑާޝިޕް އެހެން ޕާޓީއަކަށް ބަދަލުވުން ފަދަ ކަމެއް ހިނގައިފި ނަމަ އަމަލު ކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ސިޔާސީ ޕާޓީ ހިންގުމުގެ ގަވާއިދުގެ ތެރެއަށް އެފަދަ ފްރޭމްވޯކެއް ނުވަތަ އެފަދަ އޮނިގަނޑެއް ލުމުގެ މަސައްކަތްތަކެއް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ ސައްހަކަމާމެދު ގޮތެއް ނިންމުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިހާރު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިއުލާން ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ޕާޓީން ވަކިވެވަޑައިގެން "ޕީޕަލްސް ނެޝަނަލް ކޮންގްރެސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފަ އެވެ.