ހުއްދަ ލިބުނުތާ ގިނަ އިރުތަކެއް ނުވަނީސް ޔާމީންގެ ޕާޓީ އަށް 3،000 މެމްބަރުން ހަމަވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުނުތާ އެއް ދުވަސް ވެސް ނުވަނީސް، 3،000 މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.


ޕީއެންސީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީއެންސީ އުފައްދަން ހުއްދަ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޕާޓީއެއް އުފައްދަން ބޭނުންވާ އަދަދު ކަމަށްވާ، 3،000 މެމްބަރުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހީމްގެ ޓްވީޓް

ޕާޓީއެއް ރަޖިސްޓްރީކޮށް ދެނީ 3،000 މެމްބަރުންގެެ ފޯމާ އެކު ހުށަހެޅުމުން، ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ފަހު އެވެ.

ޕީއެންސީ އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ މައްސަލަ ކޯޓުގައި އޮތުމުން ކަމަށް ޔާމީން ކުރިން ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމް ހޯއްދަވަން އެ ޕާޓީގެ ކުރީގެ ރައީސް އަދި ޕާޓީ އުފެއްދުމުގެ އެންމެ އިސް ތަނބު ކަމަށް ވާ މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ޔާމީންގެ ޕީއެންސީ އުފެއްދުމުގެ ހުއްދައާ އަބްދުއްރަހީމް މިއަދު ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މައުމޫނާއި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރަނީ ޔާމީންގެ ބާރުގެ ދަށަށް ޕީޕީއެމް ގެންދިޔައީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ.

ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާއިރު ޕީޕީއެމުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް އޮތުމުން އެކަމުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.