އެމްޑީޕީއަށް އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ ވައުދު ފުއްދަން ދަތިވާނެ: ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ ރިޔާާސީ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަ ކުރައްވާ ނަޝީދު އެމަނިކުފާނުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ވިދާޅުވީ މަޖިލިހުގެ އަގުލަބިއްޔަތު ހޯދުމަށް އެމްޑީޕީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"މަޖްލިސް 19 ގައި ސާދާ އަގުލަބިއްޔަތެއް ހޯދުމަށް މި ޕާޓީން، އެމްޑީޕީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރާނެ. އެ އަގުލަބިއްޔަތު އެމްޑީޕީ އަށް ނުލިބިއްޖެ ނަމަ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ދަތިވާނެ. އެކަމާ އަޅުގަނޑު ހިތުން ޝައްކު ކުރާނެ އެއްވެސް ބޭފުޅަކު ނުހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

މަރުތަކާއި ކޮރަޕްޝަން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނީ ގޮތުން ބާރުވެރިކަން ދިނުމަށް ހުށަހަޅާފައި އޮތް ބިލަށް ވޯޓު ނުލިބުނުކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ފާއިތުވި ތަނުގައި ވެސް ފެނުނީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ އެހީތެރިކަން ވައުދު ފުއްދުމަށް ނުލިބުނު މަންޒަރު ކަމަށެވެ.

ނަޝީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު މިއަދު ވާހަކަފުޅު ދައްކަވަނީ.--ފޮޓޯ: އެމްޑީޕީ

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ވެރިކަމުގައި 2009 ވަނަ އަހަރު ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއް ދިނުމަށް ސަރުކާރުން ނިންމީމާ އެކަމާ ގުޅޭ ގޮތުން ވާދަވެރި ޕާޓީތަކުން ދިޔައީ ކޯޓަށް. ރައްޔިތުންގެ މަޖިލީހުގައި އެއަށް ވޯޓު ދެއްވީކީ ނޫން. އަޅުގަނޑުމެންގެ ކޮންމެ ވައުދެއް ފުއްދުމަށް ވެސް މަޖިލިހުގެ އަގުލަބިއްޔަތު ބޭނުންވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ އެންމެ ބޮޑު ކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އަންނަ އޮތް ޖީލަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ވެރިންގެ ވެސް ވާޖިބެއް. އެކަމަކީ ހަގީގަތުގައި ދިވެހި ސިޔާސީ ލީޑަރުން ރައްޔިތުންނަށް ދަރާފައިވާ ދެރުމެއް. އަޅުގަނޑު ދެކޭ ގޮތުގައި މަޖްލިސް 19 ވެގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ އެންމެ ބޮޑު ވަސީލަތަކަށް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުގެ އަގުލަބިއްޔަތު ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް ހިމެނޭ ކޯލިޝަނުން މަޖިލިހުގައި ބައިވެރިވާނެ ގޮތަކާމެދު ގޮތެއް ނިންމިފައި ނުވަނިކޮށެވެ.

ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބޭނުން ވަނީ މަޖިލިހުގެ 87 ދާއިރާގއަށް ވާދަ ކުރުމަށެވެ. ޖުމްހޫރީ ޕާޓީ ބޭނުން ވަނީ ހުރިހާ ޕާޓީތައް މެދުގައި ދާއިރާތައް ބެހުމަށްފަހު އިންތިހާބަށް ދިއުމަށެވެ.

ނަޝީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު މިއަދު ވާހަކަފުޅު ދައްކަވަނީ.--ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ބުނަނީ ޕާޓީތަކުގެ މެދުގައި ދާއިރާތައް ބެހުމުން އެ ދާއިރާތަކަށް ވާދަ ކުރުމުގެ ހައްގު ބައެއް ގެއްލޭ ކަމަށެވެ. ޕްރައިމަރީއަކާ ނުލައި ގޮނޑިތައް ބެހުމަށް ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމްގެ މައްސަލައެއް ނެތެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލިހުގައި ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެންބަރުންނަށް ވެސް ޕްރައިމަރީއަކާ ނުލައި ގޮނޑި ދިނުމަށް ކުރީގެ ރައީސް މައުމޫން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. އެކަމަކު އެމްޑީޕީން ބުނަނީ އެތެރޭގެ އިންތިހާބެއްގައި ވާދަނުކޮށް އެކަކަށް ވެސް ޓިކެޓު ނުލިބޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މައުމޫނާއި ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެ ފަހަރަށް ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވި އިރު ވެސް ވަނީ މަޖިލީހުގައި ކޯލިޝަނުން ގުޅިގެން ވާދަ ކުރާނެ ފޯމިއުލާއަކާ މެދު އެއްބަސްނުވެވިފަ އެވެ.