ގެސްޓްހައުސް ސިމްޕޯސިއަމް ފަށައިފި

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ގެސްޓްހައުސް ސިމްޕޯސިއަމް ފަށައިފި އެވެ.


އެއް ދުވަހުގެ މި ސިމްޕޯސިއަމްގައި ގާތްގަނޑަކަށް 340 ގެސްޓްހައުސް ބައިވެރިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ގެސްޓް ހައުސް ސިމްޕޯސިއަމް ފައްޓަވާދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. މި ސިމްޕޯސިއަމްގައި، ގެސްޓްހައުސް ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ވެސް ބައިވެރިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގެސްޓްހައުސް ސިމްޕޯސިއަމް ފައްޓަވާދެއްވަނީ -ފޮޓޯ:: އަހުމަދު ނިޝާތު/ މިހާރު

ހަތަރު ސެޝަނަކަށް ކުރިއަށްގެންދާއިރު ފުރަތަމަ ސެޝަންގައި ކުރިއަށްދަނީ ގެސްޓްހައުސް ހިންގުމުގެ ގާނޫނީ އޮނިގަނޑަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުމެވެ. ދެވަނަ ސެޝަންގައި ފަތުރުވެރިކަމާ މުޖުތަމައުއަށް ހާއްސަކޮށްފައިވާ އިރު ތިން ވަނަ ސެޝަންގައި ޑެސްޓިނޭޝަން މާކެޓިންއާ ގުޅޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރާނެ އެވެ. ތިން ވަނަ ސެޝަންގައި، ގެސްޓްހައުސް ހިންގާ ފަރާތްތަކުން އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުން ކުރިއަށްދާނެ އެވެ.

މީގެ އިތުރުން މި ސިމްޕޯސިއަމްގައި ގްރޫޕް މަޝްވަރާތައް ވެސް ކުރިއަށްދާނެ އެވެ. ގްރޫޕްތަކުގައި މައިގަނޑު ތިން ކަމަކަށް މަޝްވަރާކުރާނެ އެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ގެސްޓްހައުސް ޓޫރިޒަމް ތަރައްގީކުރުމާއި ގެސްޓްހައުސް ޓޫރިޒަމް ތަރައްގީ ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި އެހެނިހެން ހިދުމަތްތައް ތަރައްގީ ކުރުމާއި ގެސްޓްހައުސްތަކުގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެ އެވެ.

ގެސްޓްހައުސް ސިމްޕޯސިއަމްގެ މައިގަނޑު ބައިތައް މިރޭ 8:30 ގައި ނިންމާލާނެ އެވެ. ނިންމާލުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ގެސްޓް ހައުސް ސިމްޕޯސިއަމެއް ބޭއްވުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގައި ޓޫރިސްޓުންނަށް ޚާއްސަ 12 ހޮޓަލާއި 508 ގެސްޓްހައުސްގެ ހިދުމަތް ދެ އެވެ. އޭގެ އިތުރުން 148 ސަފާރީ އާއި 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލްގެ ހިދުމަތް ދަނީ ދެމުންނެވެ.