ސަރުކާރުގެ ހިޔާނާތާ ބެހޭ ރިޕޯޓެއް އަލް ޖަޒީރާ އިން ދައްކަނީ

ދިވެހި ސަރުކާރު ތެރޭގައި ހުރި ހިޔާނާތާއި ވައްކަން ކުރުމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުންކުރާކަން ހާމަވާ "އާ ހެއްކާ އެކު" ތަހުގީގީ ރިޕޯޓެއް މި މަހު 30 ގައި ލަންޑަންގައި ނެރޭ ގޮތަށް، އަލް ޖަޒީރާ އިން ހަމަޖައްސައިފި އެވެ.

"ސްޓީލިން ޕެރަޑައިސް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ޑޮކިއުމެންޓަރީ ނެރޭ ހަފުލާގެ ދައުވަތު ވަނީ އާއްމުކޮށްފަ އެވެ. ދައުވަތު ކާޑުގައި ބުނެފައިވާ ގޮތުގައި ރައީސަކު ގައުމެއް ރަހީނުކޮށްފައިވާ ގޮތާއި އެތައް މިލިއަން ޑޮލަރެއްގެ ވައްކަން ހިނގާފައިވާ ގޮތުގެ އާ ހެކި ހާމަކުރާނެ އެވެ.

އެ ދައުވަތު ކާޑުގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅެއް ނެތެވެ. އެކަމަކު އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅާއި ދިވެހި ދެ ރުކުގެ އިތުރުން ރަސްމީ ލޯންޗުކޮޅުގެ ސިފަ ހުރި ލޯންޗެއްގެ ފޮޓޯ ހިމަނާފައިވެ އެވެ.

ދިވެހި ސަރުކާރުގައި އޮތް ހިޔާނާތުގެ ބޮޑެތި މައްސަލަތައް ދައްކުވައިދޭ އަލް ޖަޒީރާގެ ޑޮކިއުމެންޓަރީ ނެރޭ ހަފުލާ އަށް ފޮނުވި ދައުވަތު ކާޑު.

އަލް ޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން ތައްޔާރުކުރާ ތަހުގީގީ ރިޕޯޓަކަށް މީގެ ކުރިން އެކި ފަހަރު މަތިން ޓީމެއް އައިސް ރާއްޖޭގައި ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ސިޔާސީ ދާއިރާގެ އިތުރުން އެހެން ބައެއް ދާއިރާތަކުގެ ތަފާތު މީހުންނާ ވެސް އިންޓަވިއުކޮށްފައިވެ އެވެ.

ސަރުކާރާ އަދި ރައީސް ޔާމީނާ ބެހޭ ގޮތުން އެކަހަލަ ރިޕޯޓެއް އަލް ޖަޒީރާ އިން ނެރޭކަން އެނގިވަޑައިގެންފައިވޭތޯ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ އަށް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ދައުރުވަމުން ދަނީ އަލް ޖަޒީރާގެ ދައުވަތު ކާޑެއްތޯ ބަލައި ޔަގީންކުރުމުގެ ކުރިން ސީދާ އެއްޗެއް ދަންނަވަން އުނދަގޫ ކަމަށެވެ.

އަލް ޖަޒީރާ އިން ރައީސް ޔާމީންގެ އިންޓަވިއުއަކަށް އެދުނުތޯ ދެންނެވުމުން އޭނާ ވިދާޅުވީ ބޭރުގެ އެކި މީޑިއާތަކުން ރައީސްގެ އިންޓަވިއު ހޯދަން އަބަދުވެސް އެދޭ ކަމަށެވެ. އެހެންކަމުން އަލް ޖަޒީރާ އިން ރައީސް ޔާމީންގެ އިންޓަވިއުއަކަށް އެދިފައި އޮތްތޯ ބައްލަވާފައި ޖަވާބު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާ ޑޮކިއުމެންޓަރީ ތައްޔާރުކުރީ، ދައުވަތު ކާޑުގައި އޮތް ގޮތުން، އަލް ޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުންނެވެ. މި ޔުނިޓުން ތައްޔާރުކުރި ބައެއް އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

ސްޓީލިން ޕެރެޑައިސް ނެރުމުގެ ހަފުލާ ބާއްވަނީ ލަންޑަންގައި ހުންނަ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގަ އެވެ. އަލް ޖަޒީރާ ޓީވީގައި އެ ޑޮކިއުމެންޓްރީ ދައްކަން ފަށާ ދުވަހެއް އަދި ޝެޑިއުލަކަށް ނާރުވަ އެވެ.