ދިވެހި ބޭސްވެރިކަމަށް ވެސް ޒަމާނީ ކުރިއެރުން ބޭނުންވޭ: ރައީސް

ދިވެހި ބޭސްވެރިކަމަށް ދިރުން ގެންނަންވީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި އެ މަސައްކަތް ވެސް ދޫކޮށްލަންވާނީ ޕްރޮފެޝަނަލް ބަޔަކަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ހެލްތު މިިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ދިވެހި ބޭސް އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާ ބެހޭ މަހާސިންތާ އިފްތިހާތުކުރަން ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެވޭލާ ދިވެހި ބޭސްވެރިކަން ކުރިއަރާފައިވަނީ އަރަބި-ޔޫނާނީ ބޭސްވެރިކަމާއި އިރުމަތީގެ ބޭސްވެރިކަމުގެ އަލީގައި ކަމަށެވެ.

"ނަމަވެސް ދުނިޔޭގެ ހަކީމީ ބޭސްވެރިކަން ވެސް މިއަދު މި ވަނީ މުޅިން އެހެން މަރުހަލާއަކަށް ދަތުރުކޮށްފަ. އެހެންކަމުން ދިވެހި ބޭސްވެރިމަށް ވެސް މިހާރު ދިރުން ހޯދައިދޭންޖެހެނީ ޒަމާނީ ވަސީލަތްތަކާއި ސައެންސާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބޭސްވެރިކަމަކީ އިންސާނާގެ ސިއްހަތާއި ފުރާނަޔާ ގުޅިފައިވާ ކަމަކަށް ވާތީ ދިވެހި ބޭސްވެރިކަން ވިޔަސް ޕްރޮފެޝަނަލް ނޫން ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ބޭސްވެރިކަން ވެސް ސިއްހީ ނިޒާމުގެ ތެރެއިން ތަރުތީބުވާން ޖެހޭ ކަމަށެވެ. އެގޮތުން އޯލްޓަނޭޓިވް މެޑިސިންގެ ހިދުމަތް ލިބިގަންނަނީ ކޮން ބައެއް ކަމާއި އެފަދަ ފަރުވާތަކުން ނުކުންނަނީ ކޮން ނަތީޖާއެއް ކަން ވެސް ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"...މިއަދު ދިވެހި ބޭސްވެރިކަން ނުވަތަ އޯލްޓަނޭޓިވް މެޑިސިންގެ ހިދުމަތް ލިބިގަންނަނީ ކޮން ބައެއްކަމާއި މިފަދަ ފަރުވާތަކުން ނިކުންނަ ނަތީޖާއަކީ ކޮބައިކަން ވެސް އެންމެ ފުރިހަމަ ގޮތުގައި ބެލެވިފައެއް ނެތް. ސަރުކާރުގެ ސިއްހަތާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި މި ދެ ދާއިރާ އަށް ދެވޭ އިސްކަން އިތުރުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ބަލިތައް ރާއްޖޭގައި ގިނަވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ ބަލިތައް އިތުރުވާ ސަބަބު ދެނެގަތުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ކެންސަރު ފަދަ ބަލިތައް ރާއްޖޭގައި ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.

"އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އެފަދަ ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ނަަމަ، ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމައެއް ބިނާކުރެވިދާނެ. އޮލްޓަނޭޓިވް މެޑިސިންގެ ދާއިރާ ފުޅާކުރަން ޖެހެނީ މިފަދަ ބަލިތައް ޖެހުމުގެ ކުރިން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހަގީގީ ތަރައްގީއަކީ އިންސާނާއަށް އަންނަ ތަރައްގީ ކަމަށް ބުނާއިރު އެ ތަރައްގީ ހާސިލުކުރެވޭނީ ވިސްނުމާއި ފިކުރު ވެސް ތަރައްގީކޮށް އަދި ކުރިއަރުވައިގެން ކަމަށެވެ.

"ސިއްހީ ދުޅަހެޔޮކަން ހާސިލުވެގެން ނޫނީ އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީޖާއެއް ހާސިލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ދިވެހި ބޭސްވެރިން މަދެއް ނޫނެވެ. އެގޮތުން ހަކީމީ ބޭސްވެރިންގެ ގޮތުގައި ފަސް ބޭފުޅުން، އޯލްޓަނޭޓިވް ބޭސްވެރިންގެ ގޮތުގައި 19 ބޭފުޅުން އަދި ދިވެހި ބޭސްވެރިންގެ ގޮތުގައި 59 ބޭފުޅު ރަޖިސްޓްރީވެފައިވާ ކަމަށް ވިދާޅުވި އެވެ.