ޔާމީންގެ އާ ޕާޓީ ވަރުގަދަކުރަން ޕީޕީއެމް ހިންގުން ހުއްޓުމަކަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ މަސައްކަތްޕުޅު ވަރުގަދަކުރައްވަން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތާ އެކު، ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.


ސައްހަ މެމްބަރުންގެ އަދަދުން، ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ އިސް ބޭފުޅުން މިހާރު އުޅުއްވަނީ، އެ ޕާޓީ ދޫކޮށްލައްވައި ޔާމީންގެ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން ހޯއްދަވައި ޕާޓީ ރަޖިސްޓްރީ ކުރެއްވުމުގެ މަސައްކަތުގަ އެވެ. ޕާޓީ އުފައްދަން މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމާ އެކު، ޕީޕީއެމްގައި ތިބި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޕީއެންސީ އަށް ސޮއި ކުރަމުންނެވެ.

ޕީޕީއެމްގައި 48،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިލެކްޝަންސްގެ ހިސާބުތަކުން ދައްކަ އެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ ދިންތާ 24 ގަޑިއިރު ނުވަނީސް އެ ޕާޓީ އުފައްދަން ބޭނުންވާ 3،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ސޮއިކޮށްފަ އެވެ. ޕީޕީއެމްގެ ހަރަކާތްތައް މެދުކަނޑާލައި އެ ޕާޓީގެ އޮފީހުގައި މިހާރު ކުރަނީ ޕީއެންސީގެ މަސައްކަތްތަކެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފް (މުންދު) މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މި ވަގުތަށް އޮތީ "މަޑުޖައްސާލާފައި" ކަމަށެވެ. ސަބަބެއް ކަމަށް ދެއްކެވީ ޔާމީންގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަން ޕާޓީއެއް ރަޖިސްޓްރީކޮށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރުމެވެ.

ކުރީގެ ރައީސް ޔާމީން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ބާރު ސްޕީޑުގައި ކުރިއަށް އެބަދެ އެވެ. މި ވަގުތަށް މަޑުޖައްސާލާފައި އޮތް ޕީޕީއެމްގެ ހަރަކާތްތައް ފަށާނެ ތާރީޚް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

ދެ ވަނަ ދައުރަކަށް ހޮވިވަޑައިނުގެން، ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ޔާމީން އާ ޕާޓީއެއް މި އުފައްދަވަނީ، އެމަނިކުފާނު ރައީސް ކަމުގައި ހުންނެވި ޕީޕީއެމްގައި އުފެދިފައިވާ ގާނޫނީ މައްސަލަތަކާ ހެދި، އެ ޕާޓީ މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވުމަށް ފަހު އެވެ. ޕާޓީ ހިންގުން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކޮށްދޭން ހުށަހެޅި މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ޕީއެންސީ ރަޖިސްޓްރީކުރުމުން ޕީޕީއެމަށް ވާނެގޮތަކާ މެދު ސުވާލު އުފެދިފައިވާއިރު، އެޕްރީލް މަހުގެ ތެރޭގައި އޮންނަ ރައްޔިތންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންތަކަކަށް ޕްރައިމަރީއާ ނުލައި ވަނީ ޓިކެޓް ވެސް ހަވާލުކޮށްފަ އެވެ. ޔާމީންގެ އާ ޕާޓީ އުފެއްދުމުން، އެ ހުރިހާ ބޭފުޅުން އިންތިޚާބަށް ނުކުންނަވާނީ ޕީއެންސީގެ ޓިކެޓުގައި ކަމަށް ބެލެވެ އެވެ.

އެއާއެކު، ޕީޕީއެމުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް އޮތުމުން އެކަމުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. ރިޔާސީ އިންތިޚާބުގައި ކުރި ހޭދަތަކުގެ ދަރަނިތައް އޮއްވައި ލީޑަޝިޕުން ޕީޕީއެމް ދޫކޮށްލިއަސް އެޅޭނެ ގާނޫނީ ފިޔަވަޅެއް ނެތެވެ. މިއީ، އިލެކްޝަންސް ކޮމިޝަންގެ ވެސް ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.