ފުވައްމުލަކު ސިޓީ ކައުންސިލް މެމްބަރުންނާ ރައީސް ބައްދަލު ކުރައްވައިފި

ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލު ކުރައްވައިފި އެވެ.


ރައީސް އޮފީީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމާ ހަވާލުވެ ވަޑައިގަތް ފަހުން ފުވައްމުލަކު ސިޓީ ކައުންސިލާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

އެ ބައްދަލުވުމުގައި، ފުވައްމުލަކު ސިޓީގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތައް ސިޓީ ކައުންސިލްގެ މެމްބަރުން ރައީސާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ފަންނީ މުވައްޒަފުން މަދުވުމާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް މަދު ކަމަށް ކައުންސިލް މެމްބަރުން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓާއި މަގުތަކުގެ ހާލަތާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި އަންނަ އަހަރުގެ ބަޖެޓާ އެކު ގިނަ ކަންކަން ހައްލު ވެގެންދާނެ ކަން ފާހަގަ ކުރައްވައި، އަދި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.