ބަލިފަތުރާ ޖަނަވާރާއި މަދިރި މަދުކުރުމުގެ ޕްރޮގްރާމުގައި ފަސް އިދާރާއަކުން ބައިވެރިވެއްޖެ

ރާއްޖޭގައި ބަލިފަތުރާ ޖަނަވާރާއި މަދިރި އާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ހިންގުމަށްޓަކައި ފަސް އިދާރާއަކުން ހެލްތު މިނިސްޓްރީއާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.


ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ހިމެނޭ ވައުދު ފުއްދުމުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ އިތުރުން މޯލްޑިވްސް ކޮންސްޓްރަކްޝަން އެސޯސިއޭޝަން (މަސީ) އިން ވެސް ވަނީ އެ މަސައްކަތުގައި ބައިވެރިވެފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޑެންގީ ޖެހިގެން އެއްވެސް ފުރާނައަކަށް ނުރައްކާ ނުވުމާއި ޑެންގީ މަދިރި ރާއްޖެއިން މަދުކުރުމަށް އެންމެ ޒަމާނީ ހޯދުންތައް ތައާރަފުކޮށް ބަލި ފަތުރާ ސޫފާސޫފި ދެނެގަނެ އެ ތަކެތި މަދުކުރުމަށް ފަހުގެ ދިރާސާތަކާއެކު މަސައްކަތް ކުރުން މި ޕްރޮގްރާމްގައި ހިމެނޭ ކަމަށެވެ. އަދި އެ މަސައްކަތުގައި ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ތަރައްގީވެފައިވާ ގައުމުތަކުގައި ވަސީލަތްތައް ހުރި ކަމުގައި ވިއަސް އެ ގައުމުތަކުގައި ޑެންގީ ފަތުރާ މަދިރި ކޮންޓްރޯލް ކުރަން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި އޮންނަ ފަދަ ގައުމީ ރޫހާއި އެއްބައިވަންތަކަން ނެތުމެވެ. އެހެންވެ އެ މަސައްކަތުގައި ކާމިޔާބު ހޯދުމަށް ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެއްވި އެވެ.

އެ ބަލިތަކަކީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ ކަމަކަށް ވާތީ އެ ކަންކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ޑެންގީ ހުން އެންމެ ފުރަތަމަ ފެނުނީ 1978 ވަނަ އަހަރު އެވެ. އޭގެ 10 އަހަރު ފަހުން 1988 ވަނަ އަހަރު އެ ހުން ފެތުރިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި 2006 ވަނަ އަހަރު 10 މީހުން ޑެންގީ ހުމުގައި މަރުވެފައިވާއިރު 2011 ވަނަ އަހަރު އެ އަދަދު 12 އަށް އިތުރުވެފައިވެ އެވެ.

"މަދިރި އާލާވާ ތަންތަން ނައްތާލައި މަދިރި އުފެދޭ ގޮތަށް ތަންތަން ނުބެހެއްޓުމަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމާއި އާއްމު ރައްޔިތުންގެ ދައުރު ވަރަށް މުހިއްމު ކަމުގައި ދެކެން. އަޅުގަނޑުމެން މިއަދު މަސައްކަތް ފަށައިގެން މި ދަނީ ވަރަށް ބޮޑު އަމާޒަކަށް،" އަމީން ވިދާޅުވި އެވެ.