ރައީސްގެ ފުރަތަމަ އާ އަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އައި ފުރަތަމަ އާ އަހަރުގެ ތަހުނިޔާ މިއަދު ރައްޔިތުންނަށް ފޮނުއްވައިފި އެވެ.


މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ އަހަރުގެ މުނާސަބަތުގައި ކުރެއްވި މެސެޖުގައި ވަނީ މި ފެށުނު 2019 ވަނަ އަހަރަކީ ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް، ހުރިހާ ގޮތަކުން ބާއްޖަވެރި އަދި އުފާފާގަތި އަހަރެއް ކަމަަށް ލެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުން އާ އަހަރަކާ ކުރިމަތިލާއިރު، ގާނޫނުއަސާސީން ދިވެހިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ހައްގުތައް ނަގަހައްޓައި ދަމަހައްޓަން ދިވެހިން ބޭނުންވެފައި ތިބި މިންވަރު މިދިޔަ އަހަރު ފެނި ސާބިތުވެފައިވާ ކަމަށެވެ.

"ރައްޔިތުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ، ދިވެހި ރައްޔިތުންނަށް، މާތް ﷲ މިންވަރު ކުރެއްވި ހެޔޮ ނަސީބެއްކަން ޔަޤީނެވެ،" ސިޔާސީ ހަތަރު ލީޑަރުން ހިމެނިވަޑައިގަންނަވާ ކޯލިޝަނެއްގެ ތެރެއިން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންނާ އެކު މީޑިއާ ކުރިމަތީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހިންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ގާއިމްކޮށްފައި ވަނީ ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާ އެކު އެވެ. އަދި ވިދާޅުވީ އެއީ އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާ އެކު، ރައްޔިތުންގެ މެދުގައި މުއާމަލާތު ކުރާނެ ކަމުގެ އުންމީދު ކަމަށެވެ.

"އެއީ، ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދެވެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އާ އަހަރާ އެކު ރައްޔިތުންގެ އުންމީދުތައް ހަގީގަތަށް ހަދައިދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރައީސްގެ އާ އަހަރުގެ މެސެޖުގައި ވަނީ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް އަލިއަޅުއްވާލައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މި ފެށުނު އަހަރަކީ ވެސް ސިޔާސީ މުހިންމު ބަދަލަކާ ކުރިމަތިލާނެ އަހަރެއް ކަމަށެވެ. އެގޮތުން، އެއީ ރާއްޖޭގެ ދުސްތޫރީ ނިޒާމު އަލުން ބައްޓަން ކުރުމުގައި، ރައްޔިތުން ގޮތް ނިންމާނެ ދުވަސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ދުވަހުގެ އިންތިޚާބަށް ނުކުންނައިރު، ގައުމު މިއަދު އޮތް ހާލަތާއި، ގައުމު ކުރިއަށް ގެންދަންވީ މިސްރާބު ރަނގަޅަށް އެނގި ތިބެ، ގައުމުގެ މަސްލަޙަތު އިސްކުރައްވާނެ ކަމާ މެދު ޝައްކެއް ނުކުރަމެވެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ފެށުނު 2019 ވަނަ އަހަރަކީ، އުންމީދާއި އުފާވެރިކަމުން ފުރިގެންވާ ވިލުންތެރި އަހަރެއް ކަމުގައި މާތް ﷲ ލެއްވުމެވެ. ދިވެހި ގައުމުގެ ހެވާއި ލާބަޔަށް މި ކުރާ މަސައްކަތުގައި ހެޔޮ ތައުފީޤު ދެއްވުމެވެ. ދިވެހީންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމާ އެކީގައި، ތަރައްޤީ އާއި ކާމިޔާބީ ޙާޞިލް ކުރަމުންދާ ބައެއް ކަމުގައި ލެއްވުމެވެ."

އެޑިޓަރުގެ ނޯޓު

މި ހަބަރު ފުރަތަމަ ޝާއިއުކުރި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ދުވަހަކީ ޖެނުއަރީ 1 ކަމަށް ޖެހުނީ މައުލޫމާތުގެ ކުށަކުންނެވެ. ފަހުން އެނގުނު ގޮތުގައި އެމަނިކުފާނުގެ އުފަން ދުވަސް ކަމަށް ރަސްމީ ލިއުންތަކުގައި އޮންނަނީ މާޗު 1 އެވެ. އެކަމަކު ރައީސްގެ އާއިލާ އިން އެމަނިކުފާނުގެ އުފަން ދުވަސް ކުރިންސުރެ ވެސް ފާހަގަކުރަމުން އަންނަނީ ޖެނުއަރީ 1 ގަ އެވެ.