ޑްރަގް ނެޓްވޯކެއްގައި ހިމެނޭ ތިން ދިވެއްސަކު އިންޑިއާ އިން ހައްޔަރުކޮށްފި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ މާފިއާއަކަށް ނިސްބަތްވާ ތިން ދިވެއްސަކު އިންޑިއާގެ ކޮޗިން އިން ހައްޔަރުކޮށްފި އެވެ.


އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނުގައި، ޖުމްލަ ހަތަރު މީހަކު އަތުލައިގަތްއިރު ފެނުނު 1.5 ލިޓަރުގެ ހަޝިޝް އޮއިލްގެ އަގު 8.9 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ދިވެހިންނާ އެކު ދެން އަތުލައިިގަތީ އިންޑިއާގެ ރައްޔިތެކެވެ.

އެކި ގައުމުތަކަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ ކަމުގެ ތުހުމަތު ކުރެވިގެން ފާރަލަމުން ގޮސް އަތުލައިގަތީ، ނޫސްތަކުގައި ބުނެފައިވާ ގޮތުން، އާޒިމް ހަބީބް، 33، އާއި މުހައްމަދު ސަފޫފު، 33، އާއި ޝިފާ އިބްރާހިމް، 30، ގެ އިތުރުން އިންޑިއާ އަށް ނިސްބަތްވާ އެންތަނީ ސާމީ، 30، އެވެ. މި މީހުންގެ އަތުން ފެނުނު ހަޝިޝް އޮއިލް ހުރީ، ޝޭމްޕޫ ހުސްކުރި ފުޅިތަކެއްގައި ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.

އިންޑިއާގެ ފުލުހުން އާއްމުކޮށްފައިވާ ގޮތުން ޓޫރިސްޓުންގެ ގޮތުގައި އެތެރެވެ، އެކި ހޮޓާތަކުގައި އުޅުނު އެ މީހުން ނިސްބަތްވަނީ ހޮންކޮންގުގެ އިންޓަނޭޝަނަލް މާފިއާ ގްރޫޕަކަށެވެ. އެ މީހުންގެ ޕާސްޕޯޓުން އެނގޭ ގޮތުގައި އެ މީހުންގެ ވިޔަފާރި ފުޅާކޮށްފައި ވަނީ ރާއްޖެ އާއި ސްރީ ލަންކާ އާއި ތައިލެންޑް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.

އެ މީހުން އަތުލައިގަތްއިރު، މަސައްކަތް ކުރަމުން ދިޔައީ، ކޮޗިން އެއާޕޯޓުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.