ބަންދުކުރާނީ އާއްމުން ނުކުމެ އުޅެން ދަތި ސަރަހައްދުތައް: މިނިސްޓްރީ

އަންނަ ހަފުތާގެ ހުކުރުދުވަހުން ފެށިގެން ބަންދުކުރަން ނިންމީ، ބައިބޯ، އާއްމުންނަށް ނުކުމެ އުޅެން ދަތި ސަރަހައްދުތައް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކޮށް، ކުޑަކުދިންނާއި އާއްމުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައި ދިނުމަކީ މި ސަރުކާރުގެ 30 ދުވަހުގެ ތެރޭގައި ފުއްދަން ވެފައިވާ ވައުދެކެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ބަންދުކުރާނެ ސަރަހައްދުތައް ކަނޑައެޅިއިރު، ކުޑަކުދިން ކުޅެ، އެކި ހަރަކާތްތައް ހިންގޭނެ ފަދަ ތަންތަން ބަންދުކުރަން ސަމާލުކަން ދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނީ މާލޭގެ ސަރަހައްދުތަކުގެ ތެރެއިން ވީހާވެސް ބައިބޯ، ނުކުމެ ނޫޅެވޭ ކަހަލަ ސަރަހައްދުތަކުގެ ގޯޅިތައް [ބަންދުކުރުމަށް]،" ޝާމިން ވިދާޅުވި އެވެ.

މާލެ އިން ޖަޒީރާ މާހައުލެއް ހޯދައިދޭން 13 ސަރަހައްދެއް ބަންދުކުރަން ނިންމާފައި ވަނީ ހުކުރުދުވަހުގެ ހެނދުނު 6:30 އިން 10:30 އަށެވެ. އެ ގަޑިތަކުގައި އެ މަގުތަކުގައި ވެހިކަލް ދުއްވުން މަނަލެވެ.

ބަންދުކުރަން ނިންމި ސަރަހައްދުތައް

1. ހެންވޭރު ސްޓޭޑިއަމްއާ ޖެހިގެން އޮންނަ ދޭލިޔާ ހިނގުން.

2. މޫނިމާ ހިނގުން/ ހެންވޭރު

3. ގަލޮޅު ސިޓީޕާކުގެ ދެކުނަށް އޮންނަ ގޯޅި.

4. ޑެއިޒީ މަގު/ ގަލޮޅު

5. ދެވިނަ މަގު/ މައްޗަންގޯޅި

6. ވައިދެރި ހިނގުން/ މައްޗަންގޯޅި

7. ބެންތެޔޮ ގޯޅި/ މާފަންނު

8. އަސުރުމާ ގޯޅި/ މާފަންނު

9. ފަނޑިޔާރު މަގު/ މާފަންނު

10. ކާނޭޝަން މަގު/ މާފަންނު

11. ކުޅިދޮށު މަގު/ މާފަންނު

12. ހިލާލީ މަގު/ މާފަންނު

13. މާފަންނު މަދަރުސާ އިން ފެށިގެން ރަސްރަނި ބަގީޗާގެ ދެމެދު އޮންނަ މަޖީދީ މަގުގެ ސަރަހައްދު

ހައުސިން މިނިސްޓްރީން ބުނިގޮތުގައި ބަންދުކުރާ މަގުތަކުގައި ބައިސްކަލް ދުއްވުމާއި ސްކޭޓް ކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ. އެކަމަކު، ކުޅިވަރުގެ މުބާރާތްތައް ފަދަ ކަންކަން ނުބޭއްވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަގުތަކުގައި ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތަކުގެ އުސޫލެއް އެކުލަވާލައި އަންނަ ހަފުތާގައި ގެޒެޓް ކުރަން ވަނީ ނިންމައިފަ އެވެ.

މަގުތައް ބަންދުކުރާއިރު، އާއްމުން އެހީތެރިކަން ދިނުމަށް ފުލުހުން އިލްތިމާސްކުރި އެވެ. ކޯން ޖަހައިގެން މަގުތައް ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި އާއްމުން ވަދެ ނުކުމެ އުޅެން އުނދަގޫވާ ގޮތަށް ސައިކަލްތައް ޕާކުކުރުން ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުން އެދުނެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ (ކ) އާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރު އިލްޔާސް އަދި މާލެ ސިޓީގެ ފަރާތުން ސަބް-އިންސްޕެކްޓަރު އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ. --ފޮޓޯ/ހުސެއިން ވަހީދު/މިހާރު

ފުރަތަމަ 13 މަގެއް ބަންދުކުރުމަށް ފަހު، ތަރުހީބު ލިބޭ ވަރަކުން އިތުރު މަގުތައް ބަންދުކުރަން ވިސްނާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.