ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.


ރައީސް އޮފީހުން ބުނީ އެމަނިކުފާނު ލަންކާ އަށް ކުރައްވަނީ ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ އަމިއްލަފުޅު ދަތުރުފުޅެވެ. ބެލެވޭ ގޮތުގައި ރައީސް ލަންކާ އަށް ވަޑައިގަންނަވަނީ އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު ދިރިއުޅުއްވަނީ ސްރީ ލަންކާގަ އެވެ.

ރައީސްގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާފައި ވަނީ މިދިޔަ މަހު އިންޑިއާ އަށެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާ އަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނު މިއަދު ވަނީ ރާއްޖޭގައި ހުންނަވާ ލަންކާގެ ސަފީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.