އަތޮޅު ތެރޭގެ އެއާޕޯޓްތައް ބޭނުންކޮށްގެން ލޯކަލް ޓޫރިޒަމް ފުޅާކުރަން ޖެހޭ: ނަޝީދު

އަތޮޅުތަކުގައި ހުރި އެއާޕޯޓްތައް ބޭނުންކޮށްގެން ރަށްރަށުގައި ޓޫރިޒަމް ފުޅާކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީގައި ގއ. ވިލިނގިލީ ދާއިރާ އަށް ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެކަނި ބަރޯސާވެގެން ތިބެވެން ނެތް ކަމަށެވެ. އަދި ކިތަންމެ ރިސޯޓްތަކެއް ތަރައްގީ ކުރިޔަސް، އެކަށީގެންވާ މިންވަރަށް ޓޫރިސްޓުންނަށް އެ އެއާޕޯޓުން މި ވަގުތު ޚިދުމަތް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގައި ޓޫރިޒަމް ކުރިއަރަމުން ދާއިރު، އަތޮޅުތަކުގައި ހުރި އެއާޕޯޓްތަކުގެ ބޭނުން ހިފައި، ޓޫރިޒަމް ރަށްރަށަށް ފުޅާކުރަން ޖެހެ އެވެ.

"ކުރިއަށް މި އޮތް ތިން، ހަތަރު އަހަރަށް އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްގީ ހުއްޓައެއް ނުލެވޭނެ. އެހެން އެއާޕޯޓްތައް އަޅުގަނޑުމެން ހޯދަން ޖެހޭނެ. އެ އެއާޕޯޓްތައް މެދުވެރިކޮށްގެން ތަރައްގީ މިސްރާބު ބަދަލުވާން ޖެހޭ. ތަރައްގީގެ ހިސާބު، ސަރަހައްދު ވެސް ބަދަލުވާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުން ކޮށްގެން މިހާރު ވެސް އެ ބަދަލު ގެނެވެން އެބަ އޮތެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކާއި ގދ. އަދި ގއ. އަތޮޅުގެ ރަށްތަކަށް ހެޔޮ އަގެއްގައި ޓޫރިސްޓުން ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަހަރެއްގެ މައްޗަށް ބޮލަކަށް 12،000 ޑޮލަރު ޖެހޭ ކަމަށާއި އެކަމަކު އޭގެ ހެޔޮ ބަދަލު ރައްޔިތުންގެ ދިރިއުޅުމުން ނުފެންނަ ކަމަށެވެ. އެހެންވެ، ބޯހިޔާވަހިކަމުގެ މައްސަލަ އާއި މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ނުލިބުމާއި އާއިލާއާ ދުރުގައި މަސައްކަތް ކުރަން ރައްޔިތުންނަށް މަޖުބޫރު ވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަންކަން ހައްލުކޮށް، މަސައްކަތްތެރިންގެ ހައްގުތައް ދެން އަންނަ މަޖިލީހުން ހޯދައިދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެންމެ ކުޑަ އުޖޫރަ އާއި އަދި އަނބިދަރިންނާ އެކީގައި ނިދޭ ގޮތް ނޫން ގޮތަކަށް ދިވެހިން ލައްވައި މަސައްކަތް ކުރުވާކަށް އެއްބަހެއް ނުވެވޭނެ. މަޖިލިސް 19 ވެގެން ދާނީ މަސައްކަތްތެރިންގެ ހައްގުތައް އިރާދަ ކުރެއްވިއްޔާ އެ މީހުންނަށް ހޯދައިދޭނެ މަޖިލީހަކަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ވައުދުތައް ފުއްދާނެ ކަމާ މެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ. އެކަމަކު ދިވެހިން އެދޭ ތަރައްގީ ގެނައުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ލިބެން އޮތީ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބިގެން ކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރެއްވި އެވެ. އެގޮތުން ޝަރުއީ ނިޒާމް އިސްލާހު ކުރުމާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމާއި ވައުދުތައް ފުއްދަން ބޭނުންވާ ގާނޫނީ ބާރުވެރިކަން ލިބެން އޮތީ މަޖިިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ލިބޭ ގޮތް ހެދުމާއި ކަރަންޓާއި ފެނުގެ ޚިދުމަތް އަގު ހެޔޮ ކުރުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވެސް ބޭނުންވާ ކަންކަން ފަހިކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެއީ މަޖިލީހުގެ މެމްބަރުން ރައްޔިތުންނަށް ދަރާފައި ހުރި ކަންކަން ކަމަށް ވިދާޅުވެ، ދެން އަންނަ މަޖިލީހަކީ އެ ދަރަނި އަދާ ކުރާނެ މަޖިލީހެއް ކަމަށް ވެސް، ރައްޔިތުންގެ މަޖިލިހަށް ވާދަކުރައްވާ ކުރީގެ ރައީސް ވިދާޅުވި އެވެ.