މަޖިލިސް އިންތިޚާބުގައި 60 ޕަސެންޓް ލިބޭނެ: ނަޝީދު

އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް 60 ޕަސެންޓް ވޯޓު ހޯދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


މަޖިލީސް އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ހުސެއިން ޝަމީމް (އަނދުން ހުސެއިން)ގެ ކެމްޕޭން ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ފާއިތުވި ތިން ދައުރުގައި ވީހެން ދެން ނުވާނެ ކަމަށެވެ.

"މިފަަހަރު ތަފާތުވާނެ. މިއީ 2009 ނޫން، 2014 އެއް ވެސް ނޫން. މިއީ 2019. ރާއްޖޭގެ ރައްޔިތުންނަށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ކޮބައިކަމާއި އިންތިޒާމުވެގެން ހިންގާ ސިޔާސީ ހަރަކާތުގެ ބޭނުމަކީ ކޮބައިކަން އަދި ކޮންމެ ސަރުކާރެއްގައި ކޮންމެ ވެރިކަމެއްގެ ކޮންމެ އަމަލަކުން ތިޔަބޭފުޅުންގެ ދިރިއުޅުމަށް އެ އަންނަ ބަދަލު ތިޔަ ބޭފުޅުންނަށް މިއަދު ސާފުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވުމުގެ ކުރިން، ފާހަގަކުރެއްވީ ފާއިތުވި ތިން ދައުރުގައި ވެސް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ކާމިޔާބު ނުކުރެވި އޮތް ކަމެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅުންނަށް އެހެން ޕާޓީ ތަކުން ޓިކެޓް ދޭ އުސޫލުން ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ޕްރައިމަރީ ބޭއްވުމުން އެ ނެރެވެނީ މުޅިން ވެސް ހޮވޭނެ ބޭފުޅުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް މަޖިލިސް އިންތިހާބު ކާމިޔާބު ނުވެއްޖެ ނަމަ ދެން ވާނެ ގޮތް ރައްޔިތުންނަށް އެނގެ އެވެ. އެއީ އެމްޑީޕީ އަށް ރައްޔިތުން ވޯޓު ދޭން އެއް ސަބަބު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން ތިޔަ ބޭފުޅުންގެ ނިންމުން ފުރިހަމަ ވާނެ. އަޅުގަނޑަށް ޔަގީން ތިޔަ ބޭފުޅުން ނިންމަވާފައި ޓިކެޓް ދެއްވާނީ ހޮވޭ ކެންޑިޑޭޓުންނަށް ކަން. އަޅުގަނޑަށް މިއަދު ޝައްކެއް ނުހިނގާ އަޅުގަނޑުމެނަށް 60 ޕަސެންޓް ވޯޓް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

ޖޯޝާ އެކީގައި އެމަނިކުފާނު ވިދާޅުވީ އޭޕްރިލްމަހުގެ ހަވަނަ ދުވަހު ރާއްޖޭގެ ޓީވީތަކުގެ ސްކްރީންތަކުން ނަތީޖާތައް ދައްކާ އިރު ހުރިހާ ގޮނޑިއެއް އޮންނާނީ ރީނދޫކޮށްލާފައި ކަމަށެވެ.

ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ރަނގަޅު ގޮތުގައި ކުރުމަށާއި ދައުލަތް ރަނގަޅަށް އޮތުމަށް ވެސް ރައްޔިތުންގެ މަޖިލިސް ރަނގަޅުވާން ޖެހޭނެ ކަމަށް ވިދާޅުވަމުން ނަޝީދު މިސާލަކަށް ނެންގެވީ އަވަށްޓެރި ސްރީ ލަންކާ އެވެ. އެގޮތުން އެ ގައުމުގައި އެންމެ ފަހުން އުފެދުނު ސިޔާސީ ގަޑުބަޑު ނިމިގެން ދިޔައީ ޕާލަމެންޓްގެ ސްޕީކަރު އަމަލު ކުރެއްވި ގޮތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދާދި މިދާކަށް ދުވަހުގައި ސިލޯނުގައި ކަންތައް ހިނގި ގޮތް ބައްލަވާ. އެ ރަށް ހަރާބުގެ މަގަށް ނުދިޔަ އެންމެ ބޮޑު ސަބަބަކީ އެތަނުގެ ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ގޮތެއް ހުރި ކަން. ގާނޫނީ ދައުލަތެއް ގަބޫލުކޮށް ގާނޫނަށް ބޯލަނބާ ކަން،" މިހާރު އޮތް މަޖިލީހުގެ ކުރީގެ ރައީސް އަމަލު ކުރެއްވި ގޮތަށް ފާޑުވިދާޅުވުމަށް ފަހު ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ދެން ވިދާޅުވީ ރާއްޖެއަށް ބޭނުން ވަނީ ލަންކާގައި އޮތް ފަދަ ގާނޫނީ ދައުލަތެއް ހިންގަން ބާރުއަޅާ މަޖިލީހެއް ކަމަށެވެ.