މުހައްމަދު ދީދީގެ ރިފޯމް ޕާޓީ އުފައްދަން ހުއްދަ ދީފި

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ހަރަކާތްތަކުގައި އުޅުއްވި މުހައްމަދު ދީދީގެ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.


އޭނާ ހުށަހެޅުއްވީ ނެޝަނަލް ރިފޯމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާށެވެ. އެ ޕާޓީ އަށް ހުއްދައާ އެކު 3،000 މެމްބަރުން ހަމަކުރަން އިލެކްޝަންސުން މިހާރު ވަނީ ފުރުސަތު ދީފަ އެވެ.

އަދާލަތު ޕާޓީގައި ވެސް ކުރިން އުޅުއްވި މުހައްމަދު ދީދީ ޕާޓީއެއް އުފައްދަވާއިރު، އޭނާއާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ގާތް ގުޅުމެއް އޮވެ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ޝަހީމް ކުރެއްވި ކެމްޕޭންގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މުހައްމަދު ދީދީ އެވެ. ޝަހީމާ އެކު ގިނަ ރަށްތަކަކަށް ދަތުރު ކުރައްވައި، ޔާމީނާއި ޝަހީމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރެއްވި އެވެ.

މި ޕާޓީގެ އިތުރުން، ކަރިސްމާ ޕާޓީގެ ނަމުގައި ވެސް ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދުނެވެ. އެކަމަކު އެ ހުށަހެޅުން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދިންއިރު، އިތުރު ހަތަރު ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ދީފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ ވެސް ހިމެނެ އެވެ.