އެސްއެމްއީ ބޭންކްގެ 15 ޕަސެންޓް ހިއްސާ ސިޓީ ކައުންސިލްތަކަށް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ސަރުކާރުން އުފައްދާ އެސްއެމްއީ ބޭންކްގައި ސިޓީ ކައުންސިލްތަކުން ހިއްސާވާނީ 15 ޕަސަންޓް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.


އެސްއެމްއީ ބޭންކެއް ގާއިމުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނީ މިދިޔަ މަހު ބޭއްވި ގެސްޓްހައުސް މަހާސިންތާގަ އެވެ. އެކަން އިއުލާން ކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި އެ ބޭންކް ގާއިމުކުރާނީ ރާއްޖޭގައި މިހާރު އޮތް ތިން ސިޓީގެ ހިއްސާއާ އެކުގައި ކަމަށެވެ. އެއީ މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކެވެ.

އެގޮތުން ކޮންމެ ސިޓީ ކައުންސިލަކަށް އެސްއެމްއީ ބޭންކްގައި ހިއްސާވާން 5 ޕަސެންޓް ދޭން ނިންމާފައިވާ އިރު، ސަރުކާރުން ހިއްސާވާނީ 85 ޕަސެންޓެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހާރު އެސްއެމްއީ ބޭންކްގައި ހިއްސާވާން ފާސްކޮށްފަ އެވެ. ކައުންސިލުން ފާސްކުރި ގަރާރުގައި ބުނީ އިކޮނޮމިކް މިނިސްޓްރީން ގާއިމުކުރާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ 5 ޕަސެންޓް ހިއްސާ ނަގަން ކައުންސިލް މެމްބަރުންގެ އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެކި ބާވަތްތަކުގެ މާލީ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ތައާރަފުކޮށް، އެފަދަ ވިޔަފާރިތައް ފަށައި، ފުޅާކުރުމަށް ބޭނުންވާ ފަންޑާއި ޒަމާނީ މާލީ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި، އައްޑޫގެ ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް، އެސްއެމްއީ ބޭންކެއް ހަދަން ސަރުކާރުން ކުރާ އަންނަ މަސައްކަތަށް އައްޑޫ މަރުހަބާ ކިޔައި އެއްބާރުލުން ދޭނެ ކަމަށެވެ.