ޕޯސްޓްމޯޓަމް ހެދުމާ ބެހޭ ގައިޑްލައިނެއް އެޗްއާރުސީއެމުން ހަދައިފި

ޝައްކު އުފެދޭ މަރުގެ މައްސަލަތަކުގައި މަރުގެ ސަބަބު ދެނެގަތުމަށްޓަކައި، މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިނެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.


އެޗްއާރުސީއެމުން ބުނީ ޕޯސްޓްމޯޓަމް ހެދުމާ ބެހޭ ގައިޑްލައިނެއް ނެރުނީ އެކަމާ ބެހޭ މިންގަނޑުތަކެއް ރާއްޖޭގައި ނެތުމުން އިންސާނީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ގަބޫލުކުރެވޭތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އެ ގައިޑްލައިން އެކުލަވާލާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުންނެވެ.

އެ ގައިޑްލައިން ބުނާގޮތުން ޕޯސްޓްމޯޓަމް ހެދޭނީ ޝައްކު އުފެދޭ ހާލަތެއްގައި މީހަކު ނުވަތަ ކުޑަކުއްޖަކު މަރުވާ ހާލަތްތަކާއި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގާ މީހުން މެރުމުގެ މައްސަލަތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު ޝައްކު އުފެދޭ ގޮތަކަށް މަރުވާ ހާލަތްތަކުގަ އެވެ.

މީގެ އިތުރުން މަރުވާ މީހާގެ އާއިލާއަށް އެ މަރަކާ މެދު ޝައްކު އުފެދޭ ނަމަ ވެސް، ޕޯސްޓްމޯޓަމެއް ހެދުމަށް ތަހުގީގީ އިދާރާއެއްގައި ނުވަތަ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަނެއްގައި އެދެވިދާނެ ކަމަށް އެ ގައިޑްލައިންގައިވެ އެވެ. އެކަމަށް އެފަދަ އިދާރާއަކުން ހުއްދަ ނުދީފި ނަމަ، އެކަމުގެ ކޯޓު އަމުރަކަށް އާއިލާއަށް އެދެވިދާނެ ކަމަށް ވެސް އެ ގައިޑްލައިންގައިވެ އެވެ.

އޭގައިވާ ގޮތުން އާއިލާގެ އިތުރުން، މަރެއްގައި މަސްލަހަތު އޮތް ފަރާތަކުން ޕޯސްޓްމޯޓަމް ހެދުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅައިފި ނަމަ އަދި އެކަން ކޮންމެހެން ބޭނުންތެރި ކަމަށް ކޯޓަށް ފެނިގެން ނެރޭ ކޯޓު އަމުރެއްގެ ދަށުން ވެސް ޕޯސްޓްމޯޓަމް ހެދިދާނެ އެވެ. އެކަމަކު ޖިނާއީ ތަހުގީގެއްގެ ބޭނުމަށް ޕޯސްޓްމޯޓަމެއް ހަދާ ނަމަ، އާއިލާގެ ރުހުން ހޯދުން ލާޒިމެއް ނޫނެވެ.

ޕޯސްޓްމޯޓަމެއް ހަދާ ނަމަ، އެކަމުގެ މައުލޫމާތު، މަރުވި މީހާގެ އާއިލާއަށް ދޭންޖެހޭނެ ކަމަށް ވެސް ގައިޑްލައިންގައިވެ އެވެ. އެގޮތުން އެ މަރަކާ ބެހޭގޮތުން އާއިލާއިން ބޭނުންވާ މައުލޫމާތުތަކާއި ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ ގޮތާއި އާއިލާގެ ހައްގުތަކާއި ޕޯސްޓްމޯޓަމް ހެދުމަށް ފަހު، މަރުވި މީހާގެ ހަށިގަނޑުގެ ގުނަވަންތަކާއި ޓިޝޫތަކާ މެދު އަމަލުކުރާނެ ގޮތް ވެސް ކިޔައިދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ގައިޑްލައިން ބުނެފައިވަނީ ކޮންމެ ޕޯސްޓްމޯޓަމެއް ވެސް ހެދުމަށް، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ޕެތޮލޮޖިސްޓެއް ހޯދައިދިނުމަކީ ހެލްތް މިނިސްޓްރީގެ ޒިންމާއެއް އެކެވެ. އަދި ޕޯސްޓްމޯޓަމް ހަދާ ޕެތޮލޮޖިސްޓާ މެދު އާއިލާއިން ހިތްހަމަ ނުޖެހޭ ނަމަ، އެހެން ޕެތޮލޮޖިސްޓެއް ދައުލަތުގެ ޚަރަދުގައި ހޯދައިދޭން ޖެހެ އެވެ. އަދި ޕޯސްޓްމޯޓަމް ނިމުމަށް ފަހު، ނަތީޖާއާ މެދު އާއިލާއިން ޝައްކު ކުރާ ނަމަ އާއިލާގެ ޚަރަދުގައި އެހެން ޕެތޮލޮޖިސްޓެއް ހަމަޖައްސައި، ދެވަނަ ޕޯސްޓްމޯޓަކަށް ދިއުމުގެ ފުރުސަތު އާއިލާއަށް ދޭން ގައިޑްލައިންގައިވެ އެވެ.

މީގެ އިތުރުން، ޕޯސްޓްމޯޓަމެއް ހަދާ ނަމަ، އެ މީހާ މަރުވިތާ އެންމެ ލަސްވެގެން 72 ގަޑިއިރުގެ ތެރޭގައި ހަދަންޖެހެ އެވެ. އެކަމަކު ޚާއްސަ ހާލަތްތަކުގައި އެއަށް ވުރެ ލަހުން ވެސް ކޯޓު އަމުރެއްގެ ދަށުން ޕޯސްޓްމޯޓަމް ހެދިދާނެ އެވެ. އެކަމަކު ހެކި ނެތިގެން ހިނގައިދާނެ ފަދަ މައްސަލަތަކުގައި އެންމެ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި ޕޯސްޓްމޯޓަމް ހަދަން ލާޒިމް ކުރެ އެވެ.

ރާއްޖޭގައި ނަމަ، ޕޯސްޓްމޯޓަމް ހަދަން ޖެހެނީ އެ ގައިޑްލައިން ބުނާގޮތުން ހެލްތް މިނިސްޓްރީން ހުއްދަ ދީ އަދި އެޗްއާރުސީއެމް އިން އިންސްޕެކްޓް ކޮށްފައިވާ ތަނެއްގަ އެވެ. އެތަނަކީ ހަށިގަނޑުގެ ގުނަވަންތައް ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެ ތަނަކަށް ވާންޖެހެ އެވެ. އަދި ބޭރު ގައުމެއްގައި ޕޯސްޓްމޯޓަމް ހަދާ ނަަމަ، ހަދަން ޖެހެނީ އެ ގައުމެއްގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދޭ ތަނެއްގައި ކަމަށް ބުނެފައިވެ އެވެ.

ޕޯސްޓްމޯޓަމް ހަދަމުންދާއިރު ފޮޓޯ އާއި އަޑު ހިމެނޭ ގޮތަށް ވީޑިއޯ ކުރަން ޖެހޭނެ އެވެ. އަދި ފޮޓޯ އާއި ވީޑިއޯ ނަގަންޖެހޭ ތަންތަނާއި މިންގަނޑުތައް ވެސް އެ ގައިޑްލައިންގައި ހިމަނާފައިވެ އެވެ. އެކަމަކު އޭގެ ފޮޓޯ އާއި ވީޑިއޯ ދޫކުރެވޭނީ އާއިލާ އާއި ތަހުގީގީ އިދާރާތަކަށް އެކަނި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ޕޯސްޓްމޯޓަމް ހަދާ ނިމުމާ އެކު ގިނަވެގެން ދެ ގަޑިއިރުގެ ތެރޭގައި، ހަށިގަނޑު ގެނައި ފަރާތަކާ އަނބުރާ ހަވާލުކުރަން އެ ގައިޑްލައިން ލާޒިމް ކުރެ އެވެ. އަދި އެ ހަށިގަނޑު ގެނައީ ތަހުގީގީ އިދާރާއަކުން ކަމަށްވާ ނަމަ، އެ އިދާރާއަކުން ހަށިގަނޑާ ހަވާލުވުމަށް ފަހު އާއިލާއާ ހަވާލުކުރަން ޖެހެ އެވެ. އަދި ހަށިގަނޑުން ނަގާ ސާމްޕަލްތައް ފަހުން ޓެސްޓް ކުރެވޭނެ ފަދަ ގޮތަކަށް ރައްކާތެރި ކުރަން ވެސް އެ ގައިޑްލައިން ލާޒިމް ކުރެ އެވެ.

ވަޅުލާފައިވާ މީހެއްގެ ގަބުރު ކޮނެގެން ޕޯސްޓްމޯޓަމެއް ހަދަން ޖެހޭ ހާލަތްތަކުގައި ވެސް އެކަން ކުރެވިދާނެ ކަމަށް އޭގައި ބުނެފައިވެ އެވެ. އެކަމަކު އެފަދަ ހާލަތްތަކުގައި ގަބުރު ކޮނެގެން ނެގޭނީ އާއިލާއިން ނުވަތަ ކަމާބެހޭ އިދާރާއަކުން އެދިގެން ނެރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.

ރާއްޖޭގައި ހިނގި ބައެއް މަރުތަކާ ގުޅިގެން މީގެކުރިން ވެސް ޕޯސްޓްމޯޓަމް ހަދާފައިވެ އެވެ. ކޮންމެ ފަހަރަކު ވެސް ޕޯސްޓްމޯޓަމް ހަދަނީ ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައިގެންނެވެ.