ހައްޖަށް ދާ އެންމެ ފަހު ގުރޫޕް ފުރާނީ މާދަމާ

މި އަހަރު ރާއްޖޭން ހައްޖަށް ދާ މީހުންގެ އެންމެ ފަހު ގުރޫޕު މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާނެ އެވެ.


މިއަހަރު ރާއްޖޭން 2،000 މީހުން ހައްޖަށް ދާއިރު އޭގެ ތެރޭން ގިނަ މީހުން މިހާރު ތިބީ މައްކާގަ އެވެ. އެންމެ ފަހު ގުރޫޕުގައި މާދަމާ 247 މީހުން ފުރާއިރު، މިއަދު ވެސް ގުރޫޕެއް ހައްޖަށް ފުރި އެވެ.

ހައްޖަށް ދާ އެންމެ ފުރަތަމަ ގުރޫޕު ފުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެންމެ ފުރަތަމަ ގުރޫޕުގައި 226 މީހުން ދިޔަ އިރު އޭގެ ތެރޭގައި ގިނައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުންނެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ދާ ދިވެހިން ހުޅުލޭ ޓާމިނަލްގައި މަޑުކޮށްލައިގެން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅެވެ.

ހައްޖު ކޯޓާގެ ގޮތުގައި ސައުދީ ސަރުކާރުން ހަމަޖެއްސި 2000 ކޯޓާ ވަނީ ހައްޖު ކޯޕަރޭޝަނަށާއި އަމިއްލަ ފަސް ކުންފުންޏަކަށް ބަހައިފަ އެވެ. އޭގެ ތެރެއިން ސަރުކާރުގެ ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު 1000 މީހުން ހައްޖަށް ދާނެ އެވެ. މީގެ އިތުރުން އަމިއްލަ ޖަމާއަތްތައް ކަމަށްވާ ޒައީމާ، އެކްރޯ، އަލް ހަރްމައިން އަދި މިނާ ގްރޫޕުގެ ހަވާލުގައި 200 މީހުންނާއި ސިސިލްފަރު ހައްޖު ގްރޫޕުގެ ހަވާލުގައި 193 މީހުން ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.