އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަށް ކޮމެންޓަކަށް ނޭދޭ: ރައީސް އޮފީސް

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާއިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓަށް ސަރުކާރުގެ ކޮމެންޓެއް ހޯދަން އެދިފައި ނުވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


"އާ ހެއްކާ އެކު" އަލް ޖަޒީރާގެ ތަހުގީގީ ރިޕޯޓް މި މަހުގެ 30 ގައި ލަންޑަންގައި ނެރޭ ގޮތަށް، އަލް ޖަޒީރާއިން ނިންމާފައިވާއިރު، "މިހާރު" އިން ދެންނެވި ސުވާލަކާ ގުޅިގެން، ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އިބްރާހިމް ހުސެއިން ޝިހާބު ވިދާޅުވީ އެ ރިޕޯޓަށް "ސަރުކާރުގެ އެއްވެސް ކޮމެންޓެއް ކުރަން [އަލް ޖަޒީރާއިން] ނުގުޅާ" ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެޕޮއިންޓްމަންޓަކަށް އަލްޖަޒީރާއިން އެދުނުތޯ ދެންނެވުމުން ވެސް އިބްރާހިމް ވިދާޅުވީ އެފަދަ ކަމެއް ހިނގިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު އެ ރިޕޯޓަށް ކޮމެންޓް ކުރިތޯ ދެންނެވުމުން އޭނާ ވިދާޅުވީ ކޮމެންޓް ހޯދަން ރައީސް އޮފީހަށް ގުޅާފައި ނުވާ ކަމަށެވެ.

"އެފަދަ ރިޕޯޓެއް ތައްޔާރުކުރާކަން ސޯޝަލް މީޑިއާއިން އެނގުނު. އަލްޖަޒީރާއިން ރައީސް އޮފީހަށް ނުގުޅާ ކޮމެންޓެއް ހޯދާކަށް،" އިބްރާހިމް ވިދާޅުވި އެވެ.

"ސްޓީލިން ޕެރެޑައިސް"ގެ ނަމުގައި އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީ އިފުތިތާހު ކުރުމަށް މިހާރު ވަނީ ބައެއް ބޭފުޅުންނަށް ދައުވަތު ވެސް ފޮނުވައިފަ އެވެ. އެގޮތުން ހިމާޔަތް ހޯއްދަވައިގެން މިހާރު އިނގިރޭސިވިލާތުގައި އުޅުއްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިއްޔެ ވިދާޅުވީ އެ ހަފުލާއަށް އެމަނިކުފާނަށް ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުގައި އޮތް ހިޔާނާތުގެ ބޮޑެތި މައްސަލަތައް ދައްކުވައިދޭ އަލް ޖަޒީރާގެ ޑޮކިއުމެންޓަރީ ނެރޭ ހަފުލާ އަށް ފޮނުވި ދައުވަތު ކާޑު.

ސްޓީލިން ޕެރެޑައިސް ނެރުމުގެ ހަފުލާ ބާއްވަނީ ލަންޑަންގައި ހުންނަ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގަ އެވެ. އަލް ޖަޒީރާ ޓީވީގައި އެ ޑޮކިއުމެންޓްރީ ދައްކަން ފަށާ ދުވަހެއް އަދި ޝެޑިއުލަކަށް ނާރުވަ އެވެ.

ދައުވަތު ކާޑުގައި ރައީސް ޔާމީންގެ ނަން ނެތް ނަމަވެސް އެމަނިކުފާނުގެ ފޮޓޯފުޅުގެ އިތުރުން ނަޝީދުގެ ފޮޓޯފުޅު ޖަހާފައިވެ އެވެ. އަދި ދިވެހި ދެ ރުކަކާއި ރިޔާސީ ލޯންޗްކޮޅުގެ ސިފަ ހުރި ލޯންޗެއްގެ ފޮޓޯ ހިމަނާފައިވެ އެވެ.

ސަރުކާރާއި ރައީސް ޔާމީނާ ބެހޭ ގޮތުން އެކަހަލަ ރިޕޯޓެއް އަލް ޖަޒީރާ އިން ނެރޭކަން އެނގިވަޑައިގެންފައިވޭތޯ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ އަށް ސުވާލު ދެންނެވުމުން އޭނާ އިއްޔެ ވިދާޅުވީ ދައުރުވަމުން ދަނީ އަލް ޖަޒީރާގެ ދައުވަތު ކާޑެއްތޯ ބަލައި ޔަގީންކުރުމުގެ ކުރިން ސީދާ އެއްޗެއް ވިދާޅުވާން އުނދަގޫ ކަމަށެވެ.

އަލް ޖަޒީރާ އިން ރައީސް ޔާމީންގެ އިންޓަވިއުއަކަށް އެދުނުތޯ ދެންނެވުމުން އޭނާ ވިދާޅުވީ ބޭރުގެ އެކި މީޑިއާތަކުން ރައީސްގެ އިންޓަވިއު ހޯދަން އަބަދުވެސް އެދޭ ކަމަށެވެ. އެހެންކަމުން އަލް ޖަޒީރާ އިން ރައީސް ޔާމީންގެ އިންޓަވިއުއަކަށް އެދިފައި އޮތްތޯ ބައްލަވާފައި ޖަވާބު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާ ޑޮކިއުމެންޓަރީ ތައްޔާރުކުރީ، ދައުވަތު ކާޑުގައި އޮތް ގޮތުން، އަލް ޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުންނެވެ. މި ޔުނިޓުން ތައްޔާރުކުރި ބައެއް އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގެ އެވޯޑް ވެސް ލިބިފައިވެ އެވެ.