ރަޖަމްގެ ހުކުމް ބާތިލްކުރިޔަސް، އެ މައްސަލަ ބެލޭނެ: ޑީޖޭއޭ

އަންހެނަކު ރަޖަމްކުރަން ޅ. ނައިފަރު ކޯޓުން ކުރި ހުކުމް ބާތިލް ކުރިޔަސް އެ މައްސަލަ އަލުން ބަލަން ހުރަހެއް ނެތް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.


އަންހެނަކު ރަޖަމްކުރަން ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ޒިނޭގެ މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީޖޭއޭގެ ސްޕޯކްސްޕާސަން ފައިސަލް އާދަމް ވިދާޅުވީ ނައިފަރު ކޯޓުގެ އެ ހުކުމް ބާތިލް ކުރިޔަސް، އެ މައްސަލާގައި ދައުލަތުން ކުރި ދައުވާ ބާތިލް ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށާއި އެކަމުގައި ކުރިއަށް ދާންޖެހޭ ގޮތްތައް ސުޕްރީމް ކޯޓުން ނައިފަރު ކޯޓަށް އަންގާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އެހެންވީމަ އެ މައްސަލަ އެ ކޯޓުން ކުރިއަށް ގެންދެވޭ ގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސަވާފައި. އެއްވެސް ހާލެއްގައި އެ ހުކުމް ބާތިލް ކުރެވުމާ އެކު އެ ދައުވާ އެއްކޮށް ބާތިލްވެގެން ދިޔައީކީއެއް ނޫން. އެއްވެސް އިންސާފެއް ނުލިބި ނިމިގެންދާ ގޮތަކަށް ނޫން ވެސް އޮތީކީ،" ފައިސަލް ވިދާޅުވި އެވެ.

މީގެކުރިން ވެސް ރަޖަމްކުރަން ކުރި ހުކުމެއް ސުޕްރީމް ކޯޓުން ބާތިލް ކުރިކަން ފާހަގަ ކުރައްވައި، އަދުލުގެ ނިޒާމާ މެދު ސުވާލު އުފެދޭ ގޮތަށް ކުރެވޭ ޖިނާއީ އަދި މަދަނީ ހުކުމްތައް ބާތިލް ކުރުމަކީ ސުޕްރީމް ކޯޓަށް އޮންނަ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ކުރަމުންދާ ކަމެއް ކަމަށެވެ.

ރަޖަމް ކުރުމަކީ އަދަބެއްގެ ގޮތުން ގަލުން ތަޅައި މެރުމެވެ. ރަޖަމްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުން، ކައިވެންޏެއްގެ މަތީގައި ހުރެ ޒިނޭ ކުރުމުން ދެވޭ އަދަބެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ، އެ މީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބެވެ. އެކަމަކު އެފަދަ އަދަބުތައް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން އެ ހުކުމެއް ދަމަހައްޓައިފި ނަމަ އެވެ.

މަރުގެ މައްސަލައެއްގައި މީހަކު މަރަން ކުރި ހުކުމެއް މީގެ 60 އަހަރު ކުރިން ރާއްޖޭގައި ތަންފީޒު ކޮށްފައި ވިޔަސް، ރަޖަމްގެ ހުކުމެއް ރާއްޖޭގައި ދުވަހަކު ވެސް ތަންފީޒު ކޮށްފައެއް ނުވެ އެވެ.