ދީނަށް ފާޑުކިޔާ މީހުން އަދި އިންޒާރު ދޭ މައްސަލަ ވެސް ބަލާނަން: ފުލުހުން

އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ފާޑުކިޔާ މީހުންނާއި އެފަދަ މީހުންނަށް އެކި ކަހަލަ އިންޒާރު ދޭ މީހުންގެ މައްސަލަތައް ވެސް ބަލާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ދީނަށް ފާޑުކިޔާ މީހުން އަދި އިންޒާރު ދޭ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ފުލުހުން ބުނެފައި މި ވަނީ އިސްލާމް ދީނަށް ފާޑުކިޔާ ކަމަށް ބުނެ ބައެއް މީހުން ލާދީނީ ކަމަށް ދީނީ އިލްމުވެރިން ކަނޑައަޅުމުން އެފަދަ ބައެއް މީހުންނަކީ މުރުތައްދުވެ، މަރު ހުއްދަވެފައިވާ މީހުން ކަމަށް ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އަނިޔާވެރިކަމާއި ނަފްރަތު އުފެއްދުމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާ ކަމަށެވެ. އެފަދަ މީހުންނާ ބައްދަލުކޮށް، އެ އަމަލުތައް ތަކުރާރު ނުކުރުމަށް ފުލުހުން އަންގަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ފުލުހުން މިއަދު ވަނީ "ސިރޫ އާޓްސް" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގާ މުހައްމަދު ސިރުހާން ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ. އޭނާއަކީ ބައެއް އާންމުންގެ ފޮޓޯ ސޯޝަލް މީޑިއާގައި ޖަހައި އެއީ އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ކަމަށް ބުނެ ވާހަކަ ފަތުރާ މީހެކެވެ.

"މީސް މީޑިޔާ ބޭނުން ކުރައްވާ ފަރާތްތަކުންނާއި ޖުމްލަކޮށް ހުރިހާ ރައްޔިތުން ވެސް ރައްޔިތުންގެ މަސްލަހަތާއި އަމަން އަމާންކަމާއި ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އެހެން މީހުންގެ އިހުސާސްތަކާއި މުޖްތަމައުގެ މަސްލަހަތަށް އިހްތިރާމް ކުރުމުގެ ސަގާފަތެއް ދެމެހެއްޓުމަށް މި ސާވިސް އިން އިލްތިމާސް ކުރަން،" ފުލުހުންގެ ބަޔާނުގައި ލިޔެފައިވެ އެވެ.

އޭގެ އިތުރުން ފުލުހުން ބުނިގޮތުގައި، އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ފާޑުކިޔާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާނެ އެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން ވަކި ފަރުދުންނާއި މުދަލަށް ގެއްލުން ދޭނެ ކަމަށް އިންޒާރުދޭ މީހުންގެ މައްސަލަތައް ވެސް ބަލާނެ ކަމަށް ފުލުހުން ބުނެ އެވެ. "މިފަދަ މައްސަލަތަކާ ގުޅިގެން ވަކި ފަރުދެއްގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު މީސް މީޑިއާގެ ޒަރީއާއިންނާއި އެ ނޫން ގޮތަކަށް ލިބިފައިވާ ނަމަ އެކަން މި ސާވިސް އަށް ހުށަހެޅުއްވުމަށް ވެސް އިލްތިމާސް ކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.