ރާމިޒުގެ ކުއްލި މަރުން ބޮޑު ޝޮކެއް!

ޅ. މާފިލާފުށީގައި އިއްޔެ ހަވީރު ސިފައިންގެ އެހެން އެކުވެރިންނާ އެކު ކެޕްޓަން މުހައްމަދު ރާމިޒު ކަސްރަތަށް ދުވަން ނުކުމެވަޑައިގަތް އިރު ވެސް އަދި އޭގެ ކުރިން ވެސް އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ހުރިކަން އެނގޭ މީހަކު ނެތެވެ؛ އެކަމަކު ދުވުމުގެ ތެރޭގައި ކުއްލިއަކަށް ވެއްޓުމާ އެކު އޭނާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ. އުމުރުން 47 އަހަރުގެ ރާމިޒުގެ ކުއްލި އަދި އާދަޔާ ހިލާފު މަރުން އާއިލާ އާއި އެކުވެރިންނާއި މުޅި ސިފައިންގެ އަށް ލިބުނީ ޝޮކެކެވެ.


މެރިން އިންޖިނިއަރިންގެ ރޮނގުން މާސްޓާސް ނަންގަވާފައިވާ ރާމިޒުގެ އަނބިކަނބަލުން އަމީގާ ހުސެއިން ވިދާޅުވި ގޮތުގައި ފިރިކަލުންގެ ސިއްހީ އެއްވެސް މައްސަލައެއް ހުރިކަން ފާހަގަކުރެވިފައެއް ނެތެވެ.

"ވަރަށް ފިޓްކޮށް ހުންނާނީ. ކަސްރަތު ކުރާނެ. ކޮންމެ ފަހަރަކު ވެސް ބީއެފްޓީން ވެސް ފާސްވާނެ،" އަމީގާ ވިދާޅުވި އެވެ.

ރާޒިމުގެ ކުއްލި މަރުގެ ސިއްރަކީ ކޮބައިކަން ނޭނގުނަސް އޭނާ ދޫކުރެއްވި ސިފައިންގެ ހިދުމަތް ވަރަށް މަތިވެރި އެވެ. ސިފައިންގެއާ 1995 ގައި ގުޅިވަޑައިގެންނެވި ގޮތަށް، އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ބަޔަކަށް ވީ ގައުމީ ދިފާއީ ބާރުގައި ތެދުވެރިކަމާ އެކު މަސައްކަތްކުރެއްވުމެވެ. އޭނާގެ ރަނގަޅު އަޚުލާގާއި އޭނާއަށް ވުރެ ދަށް މަގާމުތަކުގައި ތިބޭ ސިފައިންނާ މެދު ބާއްވާ ގާތްކަމާއި ހިތްވަރުދިނުމުގެ ސިފަ، އެތައް ބަޔަކު ފާހަގަކުރެ އެވެ.

"އެންމެ ބޮޑު އިސްކަމެއް ދޭނީ ޑިއުޓީއަށް. މަސައްކަތަށް. އަބަދުވެސް ވަރަށް ބިޒީކޮށް އުޅުއްވާނީ،" އަމީގާ ވިދާޅުވި އެވެ.

"އެހެން ހުރިހާ ކަމަކަށް ވުރެ ސިފައިންގެ ހިދުމަތް އިސްކުރީ."

މީގެ ތިން އަހަރު ކުރިން ކެޕްޓަންގެ މަގާމް ލިބިވަޑައިގަތުމަކީ، އަނބިކަނބަލުން ފާހަގަކުރެއްވި ގޮތުގައި، ރާމިޒަށް ވަރަށް ހާއްސަ އުފަލެކެވެ. އޭގެ ކުރިން އަބަދުވެސް އޭނާ އުއްމީދުކުރެއްވީ ކެޕްޓަންގެ ރޭންކަށް ކަމަށް، 16 އަހަރު ވީ ކައިވެނީގެ ބައިވެރިޔާ ކިޔައިދެއްވި އެވެ.

"ކެޕްޓަން ރޭންކް ޖަހަން ވަރަށް ބޭނުންވި. އިންޝާﷲ އެކަން ހާސިލްވެއްޖެ. އެގޮތަށް ވަރަށް މަތީ މަގާމުތަކަށް ދިއުމަށް އަމާޒުކޮށްގެން ރާމިޒު ހުރީ،" އަމީގާ ވިދާޅުވި އެވެ.

އެންމެ ފަހު ބައްދަލުވުން ތަފާތު!

އަމީގާ އާއި ހުރި ހަމައެކަނި ދަރިކަލުންނާ ރާމިޒަށް އެންމެ ފަހުން ބައްދަލުކުރެއްވުނީ މިދިއަ މަހު އެވެ. އަދި އަމީގާގެ އުފަން ރަށް ތ. ހިރިލަންދޫގައި ހޭދަކުރެއްވި ޗުއްޓީގައި ރާމިޒުގެ ފަރާތުން ތަފާތު ކަމެއް ފެނުނެވެ؛ ކުރިއަށް ވުރެ މާ އެކްޓިވްކޮށް އުޅުއްވުމެވެ.

ރާމިޒަކީ، އަމީގާ އާއި އޭނާގެ ގާތް މީހުން ވެސް ބުނާ ގޮތުން އަބަދުވެސް މަޑުމައިތިރި ބޭފުޅެކެވެ. އެކަމަކު އަމީގާ ވިދާޅުވި ގޮތުގައި އެންމެ ފަހު ޗުއްޓީގައި ރާމިޒު އުޅުއްވީ ކުރިއަށް ވުރެ މާ ބޮޑަށް "ގޭތެރޭގެ ކަންކަން ހިންގާލައިފަ" އެވެ.

"ކުރިއަށް ވުރެ ވަރަށް އެކްޓިވްކޮށް ފެނުނީ،" ފިރިކަލުންނާ އެކު ހޭދަކުރެއްވުނު އެންމެ ފަހުގެ ބައްދަލުވުމާ ބެހޭ ގޮތުން އަމީގާ ވިދާޅުވި އެވެ.

ޖަނާޒާގައި ރާމިޒުގެ ދަރިކަލުންނާ ސިފައިންގެ ދިފަ ހަވާލުކުރަނީ -- އެމްއެންޑީއެފް

ހިދުމަތުގައި ނަމޫނާއެއް

ރާމިޒަކީ ސިފައިންގޭގައި ފާހަގަކޮށްލެވޭ ފެންވަރުގެ މެރިން އިންޖީނިއަރެކެވެ. އެ ދާއިރާއިން ސްރީ ލަންކާ އާއި އިންޑިއާ އަދި ޗައިނާގައި ކިޔަވާ ވިދާޅުވެ، ތަމްރީން ހެއްދެވި އެވެ. އަދި މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ވަނީ ސްރީ ލަންކާގައި ލީޑާޝިޕް އެންޑް މެނޭޖްމަންޓް ދާއިރާއިން ވެސް މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ.

ރާމިޒުގެ ޖަނާޒާގައި ނައިބް ރައީސް އާއި ސިފައިންގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި-- އެމްއެންޑީއެފް

ރާއްޖޭގައި އޮތް އެންމެ ބޮޑު ކޯސްޓް ގާޑް އުޅަނދު، ހުރަވީގެ ޗީފް އިންޖިނިއަރުކަން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ވަނީ ކުރައްވައިފަ އެވެ. އަދި ސަދާން އޭރިއާ އާއި ނޮދާން އޭރިއާގެ އިސް މަގާމުތަކެއް ފުރުއްވި އެވެ. އަވަހާރަވި އިރު ހުންނެވީ ނޮދާން އޭރިއާގެ އިދާރީ އެންމެ އިސް ވެރިޔާގެ ގޮތުގަ އެވެ.

ރާމިޒަށް ވަނީ ސިފައިންގެ ހިދުމަތުގެ މެޑައްޔާއި އަޚްލާޤީ މެޑައްޔާއި ރާއްޖޭގައި އެންމެ ފަހުން އޮތް ސާކް ސަމިޓް މެޑަލް ލިބިވަޑައިގެންފަ އެވެ. އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ އާއި އަޚުލާގީ ކުލަ ތިން ފަހަރަށް ލިބިވަޑައިގަތެވެ.

ރާމިޒުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި ކުރިއަށް ދަނީ -- އެމްއެންޑީއެފް

ސިފައިންގެ ހިދުމަތުގައި ރާމިޒާ އެކު އުޅުނު ބައެއް މީހުން ބުނާ ގޮތުގައި އޭނާއަކީ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ވަރަށް އޯގާތެރި އަދި މަގު ދައްކަވާ ވެރިއެކެވެ.

އެހެންކަމުން، ސިފައިންގެ ތަރުޖަމާން، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރާމިޒަކީ "ނަމޫނާ ހިދުމަތްތެރިއެއް" ކަމަށެވެ.

"އެކުގައި މަސައްކަތް ކުރާ ފަރާތްތަކާ ގުޅިގެން އުޅުއްވާ، ލީޑާޝިޕް ވަރަށް ރަނގަޅު ބޭކަލެއް. އަޝްކަރީ އަދަބު އިހުތިރާމްގެ މަތީގައި ދެމިހުންނެވި، ހީވާގި، ހިތްހެޔޮ ބޭކަލެއް،" އާޒިމް ވިދާޅުވި އެވެ.

ރާމިޒްގެ އެހެން އެކުވެރިން ވެސް އޭނާ ސިފަކުރަނީ ހަމަ އެގޮތަށެވެ. އިޖުތިމާއީ ދާއިރާގެ ކަންކަމުގައި ހިލޭސާބަހަށް މަސައްކަތްކުރައްވާ މުހައްމަދު ޝިހާބް ވިދާޅުވި ގޮތުގައި މީގެ ދެ އަހަރު ކުރިން އުފެދުނު އެކުވެރިކަމުން އެނގިވަޑައިގަތީ ރާމިޒަކީ އާދަޔާ ހިލާފް އޯގާތެރިއެއް ކަމެވެ.

"މާލެ ވަޑައިގަތަސް ގުޅުއްވާނެ. ބައްދަލުކުރައްވާނެ،" ޝިހާބު ވިދާޅުވި އެވެ.

"ވަރަށް ދިމާނުވާ ކަހަލަ އޯގާތެރި ބޭފުޅެއް އެއީ. ވަރަށް މަޑުމައިތިރިވާނެ."

ޖަނާޒާ، ސިފައިންގެ އިއްޒަތުގައި

މިއަދު ހަވީރު އާ ސަހަރާގައި ރާމިޒުގެ ޖަނާޒާ އޮތީ ސިފައިންގެ ރަސްމީ އިއްޒަތުގަ އެވެ. އިސްލާމީ މަރުކަޒުގައި އޮތް ކަށިނަމާދުގައި ސިފައިންނާއި އާންމުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވެސް ހިމެނިވަޑައިގަތެވެ.

ރާމިޒުގެ ސަންދޯން މަތީގައި އަޅާފައި އޮތް ދިވެހި ސިފައިންގެ ދިދަ ހަވާލުކުރީ އޭނާގެ 14 އަހަރުގެ ދަރިކަލުންނާ އެވެ. ބައްޕަގެ 23 އަހަރުގެ ސިފައިންގެ ހިދުމަތުގެ ހަނދާނަކަށް އަބަދުވެސް އެ ދިދަ ވާނެ އެވެ. އެކަމަކު ކުއްލިއަކަށް ތަޖުރިބާކުރަން ޖެހުނު ރާމިޒުގެ ވަކިވެދިއުމުން އާއިލާ އާއި އެކުވެރިންނާއި ސިފައިންގެ ތެރޭގައި އުފައްދާލި ހިތާމައިގެ އަސަރު އެހާ އަވަހަށް ނުކެނޑޭނެކަން ޔަގީނެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ