ރާއްޖޭގައި އަދިވެސް މިހިނގަނީ 2008ގެ ވައުދުތައް: ނަޝީދު

ރާއްޖޭގައި އަދިވެސް ހިނގަމުން މި އަންނަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވީ ވައުުދުތައް ކަމަށާއި ރާއްޖެ ބަދަލުވީ އެ ވައުދުތަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީގައި މަކުނުދޫ ދާއިރާއަށް ވާދަކުރައްވާ ޖެނިފާ މުސްތަފާގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، 2008 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލުވީ މިހާރު މިއޮތް ޓެކްސްގެ ނިޒާމު ތައާރަފްކުރަން ވީ ވައުދުން ކަމަށެވެ. އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވުނީ ޓެކްސްގެ ނިޒާމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދުތަކަކީ އަކުރުން އަކުރަށް، އިރާދަކުރެއްވިއްޔާ ރަނުން ރަނަށް އަޅުގަނޑުމެން ފުއްދާދޭނެ ވައުދުތަކެއް. އެމްޑީޕީއަކީ ވައުދުވާ ޕާޓީއެއް އަދި ވައުދު ފުއްދާ ޕާޓީއެއް. 2008 ވަނަ އަހަރުގެ ވައުދުތައް ހަގީގަތުގައި އަދިވެސް މިރާއްޖޭގައި ހިނގަމުން މިދަނީ،" ނަޝީދު ވިދާޅުވި އެވެ.

ޓެކްސްގެ ނިޒާމު ތައާރަފް ކުރުމަށް ވީ ވައުދު ފުއްދުމުން ރާއްޖެއަށް އައި ކުރިއެރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ފެށި އިރު ރާއްޖޭގެ އާމްދަނީ ހަތަރު ފަސް ބިލިޔަން ރުފިޔާއަށް ނާރާ ކަމަށާއި ބަޖެޓަކީ ހަތް ބިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް ޓެކްސްގެ ނިޒާމު ތައާރަފް ކުރުމުން މިހާރު ރާއްޖޭގެ ބަޖެޓަކީ 30 ބިލިޔަން ރުފިޔާ ކަމަށާއި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ހުރީ 77 ބިލިޔަން ރުފިޔާގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޮލަކަށް ޖެހޭ މިންވަރު 12،000 ޑޮލަރު ފަހަނަ އަޅައި ހިނގައްޖެ. ދިވެހި ރާއްޖެއަކީ ނިކަމެތި ފަގީރު ގައުމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ތައާރަފް ކުރެއްވި އެހެން ބައެއް ކަންކަމުގެ ވާހަކަވެސް އެމަނިކުފާނު ދެއްކެވި އެވެ. އެގޮތުން ލޯކަލް ޓޫރިޒަމްގެ ސަބަބުން ރަށްރަށަށް ލިބުނު ކުރި އެރުމުގެ ވާހަކަ ފާހަގަކުރެއްވި އެވެ.