ޕާކް ކޮށްފައި އޮތް ޓެކްސީއެއްގައި ސައިކަލެއް ޖެހި ޒުވާނަކަށް އަނިޔާވެއްޖެ

މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޓެކްސީއެއްގައި، ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ޒުވާނަކަށް މިއަދު ހަވީރު އަނިޔާވެއްޖެ އެވެ.


އިންޑަސްޓްރިއަލް ޒޯންގެ ޕެޓްރޯލް ޝެޑް ކައިރީގައި ޕާކްކޮށްފައި އޮތް ކާރެއްގައި ޖެހި އަނިޔާވީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ އަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މި އެކްސިޑެންޓުގައި ކާރުގެ ކުރީ ބަފަރުގައި ސައިކަލުން ޖެހިފައިވާއިރު، ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ. ކާރުގައިި ޖެހި ޔަމަހާ ސައިކަލްގެ ފުރޮޅާއި ކުރީކޮޅު ވަނީ ފުނޑުފުނޑުވެފަ އެވެ.

ޕާކްކޮށްފައި އޮތް ޓެކްސީގައި ސައިކަލުން ޖެހި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް--

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާލޭގައި ބާރަށް ދުއްވާ މީހުން ހުއްޓުވުމަށް ފުލުހުން މިއަދު ވެސް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ. މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޗެކްޕޯސްޓްތައް ހަދައި ސައިކަލްތައް ޗެކްކުރި އެވެ.