ރިލްވާނަށް ވީގޮތް ހޯދޭނެ ކަމުގެ އިތުބާރު އެބައޮތް: ސުއޫދު

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީގޮތެއް ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް، މަރާލާފައިވާ މީހުންނާއި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ރޭ ވިދާޅުވެއްޖެ އެވެ.


ރިލްވާނަށް ވީގޮތެއް ހޯދައިދިނުމަށް ގޮވާލައި މީގެ ކުރިން ބޭއްވި ބޮޑު އެއްވުމެއްގެ ފޮޓޯތަކަކާ އެކު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރަމުން އަންނަ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އޮގަސްޓް 19، 2014 ގައި ކުރި ސުވާލުތަކުގެ ޖަވާބު ލިބޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

މަރާލާފައިވާ އަދި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން އަންނަނީ ރިލްވާންގެ މައްސަލަ ވެސް ބަލަމުންނެވެ. އޮގަސްޓް 8، 2014 ވަނަ ދުވަހު އޭނާ ވަގަށް ނެގިތާ ފަސް އަހަރު ވެގެން ދާއިރު ވެސް މިހާތަނަށް ރިލްވާނަށް ވީގޮތެއް ހޯދިފައެއް ނުވެ އެވެ.

ރިލްވާން މައްސަލައިގެ އިތުރުން ރިޔާސީ ކޮމިޝަނުން އަންނަނީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ ވެސް ބަލަމުންނެވެ. އަދި އެ ތިން ހާދިސާ ވަނީ ގުޅިފައި ކަމަށް، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ކުރެއްވި ޓްވީޓް

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ.

ރިޔާސީ ކޮމިޝަނުން ވަނީ 24 މައްސަލައެއް ބަލަން ނިންމައިފަ އެވެ. އެ މައްސަލަތައް ބެލުމުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.