އެއީ އިމްރާންގެ ފްލެޓެއް ނޫން، އަޅުގަނޑުގެ ފްލެޓެއް: އަނބިކަނބަލުން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ނަމުގައި އެއްވެސް ފްލެޓެއް ނުހުންނާނެ ކަމަށާއި ފްލެޓެއް ހުރި ކަމަށް އޭނާގެ މާލީ ބަޔާނުގައި ޖެހުނީ އެރި އޮޅުމަކުން ކަމަށް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސާއި ނައިބު ރައީސާއި ވަޒީރުން އަދި ރައީސް އޮފީހުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ކުރީގެ މާލީ ހާލަތު އަންގައިދޭ ބަޔާން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރިއިރު، އިމްރާންގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާގެ މިލްކިއްޔާތުގައި 2.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް އެބަހުއްޓެވެ. އެއީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ އަމިން އެވެނިއު އިން ބައްލަވައިގެންފައިވާ ފްލެޓެކެވެ. ދެން އިމްރާންގެ މިލްކިއްޔާތުގައި ހުރީ 50،000ރ. ގެ ސައިކަލެކެވެ.

އިމްރާން މަގާމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ކުރިން އެއްވެސް އާމްދަނީއެއް ލިބިވަޑައިނުގަންނަވާއިރު އަދި ޓެރަރިޒަމްގެ ކުށުގައި އޭރު ޖަލުގައި ހުންނެވި ނަމަވެސް އެހާ އަގު ބޮޑު ފްލެޓެއް މިލްކިއްޔާތުގަިއ ހުރި ކަމަށް މާލީ ބަޔާންގައި އޮތުމުން ބައެއް މީހުން އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެެވެ. އަދި އެ ފްލެޓް ބައްލަވައިގަންނަވަން ފައިސާ ހޯއްދެވި ގޮތް ހާމަކުރެއްވުމަށް ވެސް ބައެއް މީހުން އަންނަނީ އިމްރާނަށް ބާރު އަޅަމުންނެވެ.

މިކަމާ ގުޅޭ ގޮތުން، "މިހާރު" ން ސުވާލު ދެންނެވުމުން އިމްރާންގެ އަނބިކަނބަލުން ރީމް ވިދާޅުވީ، އިމްރާންގެ ނަމުގައި އެއްވެސް ފްލެޓެއް ނެތް ކަމަށެވެ. އަދި އެއީ ރީމްގެ ބައްޕަ ރީމަށް ގަނެދެއްވި ފްލެޓެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އާއިލާގެ ހަ ކުދިންނަށް ބައްޕަ ވަނީ އަމިން އެވެނިއު އިން ފްލެޓް ގަނެދެއްވާފައި. އަޅުގަނޑަށް ވެސް ފްލެޓެއް ގަނެދެއްވި އެއްފަހަރާ ފައިސާ ދައްކަވާފައި. އެ ފްލެޓުގެ ރަޖިސްޓަރީ ވެސް ކޮށްދީފައި ވަނީ އަޅުގަނޑުގެ ނަމުގައި. އެކަމަކު، މާލީ ބަޔާނާ ގުޅޭ ފޯމު ފުރިއިރު އެރި އޮޅުމަކުން އިމްރާންގެ އެސެޓެއްގެ ގޮތުގައި ޖެހުނީ. އިމްރާން އޭރު ވަރަށް ބޮޑަށް ބަލިވެ އުޅުމާއި އަލަށް ކުރި ކަމެއް ވީމާ އަޅުގަނޑަށް ވެސް ވިސްނުނީ އެއީ ދެ މީހުންގެ އެސެޓެއްގެ ގޮތުގައޭ ބަލާނީ. އެހެންވެ އިމްރާންގެ އެސެޓެއްގެ ގޮތުގައި ވެސް ޖެހުނީ،" މާލީ ބަޔާނާ ގުޅޭ ފޯމު ފުރިއިރު އެރި އޮޅުން ސާފުކޮށްދެއްވަމުން ރީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިމްރާންގެ މިލްކިއްޔާތުގައި ސައިކަލެއް ވެސް ނުހުންނާނެ އެވެ. އެއީ ވަރަށް ކުރިން އޭނާގެ ބައްޕަ ގަނެއްދެއްވި ސައިކަލެއް ކަމަށް ރީމް ވިދާޅުވި އެވެ.

"ސައިކަލް ވެސް ހުންނާނީ އަޅުގަނޑުގެ ނަމުގައި. އަދި ލިޔެކިޔުންތައް ވެސް ފެންނަން ހުންނާނެ،" ރީމް ވިދާޅުވި އެވެ.

އިމްރާންގެ އަނބިކަނބަލުން ރީމްގެ ބައްޕަ އަކީ އިމްނާ ޓްރޭޑްގެ ނަމުގައި މާލޭގައި ވަރަށް ކުރިއްސުރެ ފެށިގެން ފުޅާދާއިރާއެއްގައި ވިޔަފާރި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މާލީ ބަޔާނުގައިވާ ގޮތުން މަގާމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ކުރިން އިމްރާނަށް އެއްވެސް އާމްދަނީއެއް ލިބިވަޑައެއް ނުގަންނަވަ އެވެ. އަދި ދަރަންޏެއް ވެސް ނެތެވެ.

ވަޒީރުންގެ އިތުރުން އެބޭފުޅުންގެ ފިރިކަލުން/އަނބިކަނބަލުންގެ މާލީ ބަޔާން ވެސް ރައީސް އޮފީހަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެކަމަކު، ގާނޫނީ ސަބަބުތަކާ ގުޅިގެން އެއިން އެއްވެސް ބޭފުޅެއްގެ މާލީ ބަޔާން އާންމެއް ނުކުރެ އެވެ.