ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރުމުގެ ވިސްނުން އެބަހުރި: މިނިސްޓަރު

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އަކީ ތައުލީމީ މަންހަޖުގައި ބޮޑު އަހައްމިއްޔަތެއް ދޭ ކަމެއް ކަމަށާއި އެހެންކަމުން ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރުމުގެ ވިސްނުންތަކެއް އެބަހުރި ކަމަށް އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.


ދިރާސީ އާ އަހަރާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލަކަށް މިނިސްޓަރު ވިދާޅުވީ ޓެބްލެޓަކީ ކިޔަވައިދިނުމަށް ބޭނުންކުރާ އިތުރު އެހީއެއް ކަމަށެވެ.

"އައިސީޓީ މެދުވެރިކޮށް ޓެބްލެޓުން އަޅުގަނޑުމެންނަށް އިތުރަށް އެ މަޝްރޫއު ފުޅާކުރުމުގެ ވިސްނުންތަކެއް އެބަހުރި. އެ ރޭވުންތައް ރާވަމުން މި ދަނީ. އަޅުގަނޑުމެން ގަސްތުކޮށްފައި އޮތީ ޓެބްލެޓް އެއީ ކިޔަވައިދިނުމަށް ބޭނުންކުރާ އިތުރު އެހީއެއްގެ ގޮތުން ޓެބްލެޓް ވެސް ބޭނުންކުރާ ކަހަލަ ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ޑިޖިޓައިޒް މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ވަނީ ޓެބްލެޓް ދޭން ނިންމައިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ދިރާސީ އަހަރު ނިމިގެން ދިޔައިރު ވެސް ބައެއް ސްކޫލުތަކަށް ޓެބްލެޓު ހަވާލުކޮށްފައެއް ނުވެ އެވެ. އެހެންވެ އެ ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށައިފައެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ ގްރޭޑް ދޭކުން ފެށިގެން މަތީގެ ގްރޭޑުތަކަށް މިހާރު ޓެބްލެޓް ހަވާލުކޮށްފައިވާ ކަމަށެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ޓްބެލެޓްގެ ބޭނުން ފުރިހަމައަށް ކުރެވޭނެ ގޮތް ހެދުމަށް އިންޑިޔާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ކުންފުންޏަކާ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ޑިޖިޓަލް ލައިބްރަރީ އަކީ ސްކޫލުތަކަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި އޭގެ ސަބަބުން ވާހަކަ އާއި މައުލޫމާތު ލިބޭނެ ފޮތްތަކާއި ރަނގަޅު ލާނިން ޕްލެޓްފޯމެއް ހަމަޖެހިގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މެކްސްކޮމް ކުންފުންޏާ ހަވާލުކޮށްގެން 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގެނައުމަށް ކުރީގެ ސަރުކާރުން 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އެވެ.