ދެ ހެލިކޮޕްޓަރު އުދުހެނީ ސަރުކާރުގެ ކޮންޓްރޯލް އޮވެގެން: ޝާހިދު

އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ. ދިވެހި ސިފައިން ނުބައްސައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާތީ އެއްބަސްވުން އާ ނުކޮށް، އެ ދޭތި ފޮނުވާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުޅުނެވެ.

އޭރު، ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ހެލިކޮޕްޓަރުގެ އެއްބަސްވުން އޮތީ އިންޑިއާ އިން ރާއްޖެ އަށް ނުފޫޒު ފޯރުވޭ ގޮތަށް ކަމަށެވެ. އެއްބަސްވުމެއް އޮތަސް އެއާ އެއްގޮތަށް ވެސް އިންޑިއާ އިން އަމަލުނުކުރާ ކަމުގެ މައްސަލަ ވެސް ބޮޑުވި އެވެ.

މި ފާޑުކިއުންތަކާ އެކު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން އާކޮށް، އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ޝާހިދު "މިހާރު" އަށް ވިދާޅުވީ އިންޑިއާގެ ދެ ހެލިކޮޕްޓަރާ ގުޅޭ ގޮތުން ޔާމީންގެ ސަރުކާރުން ދެއްކީ ދެކޮޅުނުޖެހޭ، ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ހެލިކޮޕްޓަރާ ގުޅުވައިގެން އިންޑިއާ އަށް ފާޑުކިޔަމުން ދިޔަ ސަރުކާރުން ވެސް އެއްބަސްވުން އާ ކުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ވެސް އެއްބަސްވުން އާ ކުރެއްވި. އޭގެ ބޭނުން ހުރިހާ ސަރުކާރުތަކަކުން ވެސް ހިފި،" ޝާހިދު ވިދާޅުވި އެވެ.

"ޑިފެންސް މިނިސްޓްރީން އެ ވިދާޅުވަނީ ދެ ހެލިކޮޕްޓަރު އެ އޮންނަނީ ތިމަންނަމެންގެ ކޮމާންޑުގެ ދަށުގައޭ. ތިމަންނަމެންގެ ހުއްދައެއް ނެތިއްޔާ ނުއެއް އުދުހެވޭނެއޭ. ތިމަންނަމެން ބުނާ ތަނަކަށޭ ޖައްސާނީ. ތިމަންނަމެންނޭ ސަވައިލެންސް މަސައްކަތުގައި ވެސް ބައިވެރިވަނީ."

ޝާހިދު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ބެލިއަސް ކަނޑުގެ ސަރަހައްދުގެ ގޮތުން ބަލާއިރު، ޝާހިދު ވިދާޅުވި ގޮތުގައި، މިއީ ބޮޑު ގައުމެކެވެ. އޭގެއިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރަން، އެ ސަރަހައްދު ބަލަހައްޓަން ގައުމުތަކުގެ އެއްބަސްވުމެއް ވެސް އޮންނަކަން ފާހަގަކުރެއްވި އެވެ.

އެއީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކަނޑުފޭރޭ މީހުންގެ އުނދަގޫ ބޮޑުކަމުންނާއި ހަތިޔާރު ވިއްކުމާއި ބަދަލުކުރުމުގެ ވިޔަފާރި ވެސް ހިންގަމުންދާތީ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެފަދަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ރާއްޖެ އިން އޮންނަން ޖެހޭނީ ސަމާލުވެ އެވެ.

"އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތަކަށް މި އޮންނަ ޓޫރިޒަމަށް ބުރުލެއް ނާރާނެ ގޮތަށް މި ސަރަހައްދު ބަލަހައްޓަން ޖެހޭ. އެތަންތަން ނުބެލެހެއްޓި ތިއްބައި ކަނޑުން އަންނަ ބަޔަކު އަރާ ތަޅާފޮޅައިގެންފިއްޔާ ލިބޭ ގެއްލުން ބޮޑުވާނެ،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ގުޅިލާމެހިފައި އޮތް މި ޒަމާނުގައި އެ ގައުމެއް އަމިއްލަ އަށް ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށެވެ. އިންޑިއާގެ އެހީ ރާއްޖެ އަށް ބޭނުންވަނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާ އިން އޮޕަރޭޓްކުރާ ހެލިކޮޕްޓަރުގައި ދ.ބަނޑިދޫގައި އޮތް ހާލު ދެރަ ބަލިމީހަކު ވައިގެ މަގުން މާލެ ގެންނަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

އެއްބަސްވުމުގައިވާ ގޮތުން ހެލިކޮޕްޓަރުތައް ދުއްވާނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލުކުރާ "ލެޓަ އޮފް އެކްސްޗޭންޖް"އެއްގެ ދަށުންނެވެ. މި އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރަންޖެހެ އެވެ.

ހެލިކޮޕްޓަރު އިންޑިއާ ސިފައިން އެކަނި އޮޕަރޭޓްކުރުމުގެ ނުތަނަވަސްކަމަށް ހައްލެއް ހޯދަން ޔާމީންގެ ސަރުކާރުން ހުށަހެޅީ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންގެ ބައިވެރި ކުރާށެވެ. މިއީ، އެންމެ ކުރިއްސުރެ އެއްބަސްވުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ޕައިލެޓުން ތަމްރީން ކުރުމަށް އިންޑިއާ އިން އެއްބަސްވެފައިވީ ނަމަވެސް މިއަދާ ހަމައަށް އަސްކަރީ ހެލިކޮޕްޓަރަށް ޚާއްސަ ދިވެހި ޕައިލެޓަކު ތަމްރީނެއް ނުކުރެވެ އެވެ.

އަނެއް ހުށަހެޅުމަކީ، ގަމުގައި އޮތް ހެލިކޮޕްޓަރު ކައްދު އަށް ބަދަލުކުރުމެވެ. ސަބަބަކީ ކައްދު އަކީ ދިވެހި އަސްކަރިއްޔާގެ ޚާއްސަ ވިންގަށް ވުމެވެ. އެކަމަކު މިި ޝަރުތުތަކަށް އެއްބަސްވެފައެއް ނުވެ އެވެ.