ޕީޕީއެމްގެ ލީޑާޝިޕްގެ މައްސަލާގެ ތެރެއަށް މައުމޫންގެ ފަރާތުން ތަދައްޚުލްވާން ނިންމައިފި

ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު މެމްބަރަކު ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް މައުމޫންގެ ފަރާތްޕުޅުން ތަދައްޚުލްވުމަށް ނިންމައިފި އެވެ.


ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކުރަން އެ ޕާޓީގެ އާންމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅިޔަސް، މައްސަލައިގެ ފައިލް ސުޕްރީމް ކޯޓުން ކުރިން އޮތީ އެ ކޯޓަށް ގެންގޮސްފަ އެވެ. އެ މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް ސުޕްރީމް ކޯޓުން މިއަދު ބޭއްވި އެވެ.

އެ މައްސަލައިގެ ތެރެއަށް މައުމޫންގެ ފަރާތުން ވަނުމަށް ނިންމައި، އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.

ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި އޮތްއިރު، ޕީޕީއެމްގެ މިހާރު ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިސް ބޭފުޅުން އިސްކޮށް ތިއްބަވައިގެން ޕީއެންސީގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ ބޭފުޅުން އާ ޕާޓީއެއް އުފައްދަވަނީ ވެސް ޕީޕީއެމްގެ މައްސަލަ ކޯޓުގައި އޮތުމުންނެވެ.

މީގެ އިތުރުން ޕީޕީއެމްގެ ރައީސަކަށް ޔާމީން އިންތިޚާބުކޮށް، އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޚާއްސަ ކޮންގްރެސްގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހެދުމުން، އެ ނިންމުންތައް ބަލައިގަތުމަށް ހައި ކޯޓުން ކޮމިޝަންގެ މައްޗަށް އަމުރު ކުރުމުން އެ ކޮމިޝަނުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.