އައްޑޫގެ ޓްރާންސްޕޯޓްގެ ހިދުމަތްތައް ކައުންސިލުން އަލުން ދޭން ފަށައިފި

ކުރިން މީރާ އާއި ހައުސިން މިނިސްޓްރީގެ ދަށުން އައްޑޫގައި ދެމުން ގެންދިޔަ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް އަލުން އައްޑޫ ސިޓީ ކައުންސިލުން ދޭން ފަށައިފި އެވެ.


ކައުންސިލާ އެ ހިދުމަތްތައް ހަވާލުކުރިކަން މިނިސްޓްރީން މި މަހުގެ ނުވަ ވަނަ ދުވަހު އިއުލާން ކުރުމަށް ފަހު، މިހާރު ވަނީ އައްޑޫގައި ދޭ ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތްތަކެއް ކައުންސިލްގެ ދަށުން ދޭން ފަށައިފަ އެވެ.

ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ހިދުމަތްތައް ފަށަން ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއުގެ އިތުރުން ކައުންސިލްގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

އެގޮތުން ހިދުމަތް ދޭނީ ކުރިން ހައުސިން މިނިސްޓްރީން ހިތަދޫގައި ހިންގަމުން ގެންދިޔަ ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓްގެ ނަމުގައި ހިންގަމުން ދިޔަ އަދި މިހާރު މުނިސިޕަލް ސާވިސް އޮފީހުގެ ނަމަށް ބަދަލުކޮށްފައިވާ އިމާރާތުންނެވެ. އެ އިމާރާތަކީ އައްޑޫގައި އިމިގްރޭޝަންގެ ހިދުމަތް ވެސް ދެމުން އަންނަ ތަނެވެ.

މޭޔަރު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތައް ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި ކުރިއަށް ވުރެ މާ ބޮޑަށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި މި ބަދަލާ އެކު މަގުތަކުގައި ސައިން ބޯޑުތައް ބެހެއްޓުމާއި ވެހިކަލްތަކަށް ފަސޭހައިން މަގުތައް ބޭނުން ކުރެވޭ ގޮތަށް މަގުތައް މަރާމާތު ކުރުމާއި ސްޕީޑް ބްރޭކަރުތައް ރަނގަޅު ކުރުމާއި ޕާކިން ޒޯންތައް ހެދުން ފަދަ ކަންކަން ވެސް ދެން ކައުންސިލްގެ ދަށުން ކުރިއަށް ދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ކައުންސިލުން ބުނީ ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަނޑު ދަތުރުފަތުރާއި އެއްގަމު އުޅަނދުފަހަރާ ގުޅޭ ހިދުމަތައް އެ ދެ އަވަށުން ލިބޭނެ އިންތިޒާމު ވެސް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.