ރީނދޫ ހުން އުޅޭ ގައުމަކުން އަަންނަ މީހުންނާ ގުޅޭ އުސޫލެއް ހަދައިފި

ރީނދޫ ހުން އުޅޭ ގައުމުތަކުން ރާއްޖެ އަށް އަންނަ މީހުންނަށް ހާއްސަ އުސޫލެއް ހެލްތު މިނިސްޓްރީން މިއަދު އެކުލަވާލައިފި އެވެ.


އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ރީނދޫ ހުން އުޅޭ ކަމަށް ބެލެވޭ ގައުމަކުން ރާއްޖެ އަންނަ މީހުންގެ އަތުގައި އެ ހުމުގެ ވެކްސިން ޖެހި ކަމުގެ ސެޓްފިކެޓެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ ވެކްސިން ސެޓްފިކެޓް ނެތް ނަމަ، އެ މީހެއްގެ ސިއްހީ ހާލަތު ބެލުމަށްޓަކައި ހަ ދުވަހަށް ކަރަންޓީން ކުރާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި، ރީނދޫ ހުމުގެ ވެކްސިން ޖަހަން ނުޖެހޭ މީހުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ނުވަ މަސް ނުވާ ކުދިންނާއި ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ފަދަ ބައްޔެއް ހުރުމުގެ ސަބަބުން ދިފާއީ ނިޒާމް ދަށްކަން އަންގައިދޭ ލިޔުމެއް އޮންނަ މީހުންނެވެ. އަދި އެ ފަދަ ގައުމަކަށް ޓްރާންސިޓް ކުރާ މަތިންދާ ބޯޓް ކްރޫން، އެ ބޯޓު ޖައްސާ އެއާޕޯޓުން ނުނިކުންނަ ނަމަ، އެ ސެޓްފިކެޓް ހުށަހަޅަން ނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެފްރިކާގެ 31 ގައުމަކުން ރާއްޖެ އަންނަ ދަތުރުވެރިން މި ވެކްސިން ޖަހަން ޖެހޭނެ އެވެ. އަދި އެ ލިސްޓުގައި ދެކުނު އެމެރިކާގެ 13 ގައުމެއް ވެސް ހިމަނާފައިވެ އެވެ.