ފައިރޫޝް، ފުލުހުންގެ ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި

ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާ އަށް އަލުން ނުކުންނަވަން ފައްޓަވައިފި އެވެ.


ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ފުލުހުންގެ ވަޒީފާ އިން ވަކިކުރި ފައިރޫޝް އަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 13 ގައި ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުގެ ހުކުމާ އެކު، އެންމެ ފަހުން އޭނާ ހުންނެވި ރޭންކުގައި ފުލުހުންގެ ވަޒީފާ ވަނީ ފައިރޫޝް އަށް ހަމަޖައްސައިފަ އެވެ. ފުލުހުންގެ އިދާރާ އިން ވަކިވުމާ ހަމައަށް ފައިރޫޝް ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގަ އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފައިރޫޝްއާ ވަނީ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑު ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފަ އެވެ. އޭނާގެ ޒިންމާ އަކީ ރަށްރަށުގައި ހުންނަ ހުރިހާ ޕޮލިސް ސްޓޭޝަންތައް ހިންގުމެވެ.

ފައިރޫޝް ވަޒީފާ އިން ވަކިކުރި އިރު ހުންނެވީ އޮސްޓްރޭލިއާގައި ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވުމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ޕީއެޗްޑީ ނިންމަވައިފަ އެވެ.

ފައިރޫޝްގެ އިތުރުން ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް ވަޒީފާ ދިނުމަށް ވެސް ސިވިލް ކޯޓުގެ ބޭއްވި ޑިސްޕިއުޓް މަރުހަލާގައި ވަނީ ކަނޑައަޅައިފަ އެވެ. ރިޔާޒް ވެސް ވަނީ ފުލުހުންގެ ވަޒީފާ އަށް މިހާރު ނުކުމެވަޑައިގެންފަ އެވެ.

ހުކުމުގައި އެންގީ ފައިރޫޝާއި ރިޔާޒަށް އެ މީހުން ކުރި ތިބި ފެންވަރުގެ ވަޒީފާއެއް ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.