އަމިއްލަ ކެނޑިޑޭޓުން އުސޫލުތަކަކަށް އެއްބަސްވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ބައެއް ބޭފުޅުން ކެމްޕެއިނުކުރުމުގަ އާއި ގޮނޑި ކާމިޔާބުވެއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.


މި އެއްބަސްވުން ގާއިމުކުރީ މައްޗަންގޮޅި ދެކުނު ދާއިރާއަށް ކުރިމަތިލައްވާ، ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދް ތައުފީގާއި ގަލޮޅު އުތުރު ދާއިރާއަށް ކުރިމަތިލައްވާ ގާނޫނީ ވަކީލް އިބްރާހިމް ހަމްޒާ ހަލީލާއި މާފަންނު އުތުރު ދާއިރާއަށް ކުރިމަތިލައްވާ އަހުމަދު މުސްތަފާ އާއި ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ އަބްދުﷲ އަފީފާއި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ މުހައްމަދު ދިލްޝާން އަބްދުﷲ އަދި މާފަންނު މެދު ދާއިރާއަށް ކުރިމަތިލައްވާ ޑރ. އިބްރާހިމް ޝިޔާމެވެ.

މި އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި، ކެމްޕެއިނު ތެރޭގައި މާލީ ބަޔާން އާންމުކުރުމާއި ގޮނޑި ލިބިއްޖެ ނަމަ އަހަރަކު އެއްފަހަރު މާލީ ބަޔާން އާންމު ކުރުން ހިމެނެ އެވެ. އަދި ކެމްޕެއިނަށް 100،000ރ. އަށް ވުރެ ބޮޑު އަދަދެއްގެ އެހީ ބަލައިނުގަތުމާއި ލިބޭ އެހީގެ ތަފްސީލު އާންމުކުރުން ވެސް އެ މެންބަރުން ވަނީ އެއްބަސްވެފަ އެވެ.

އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވާ، ކުރީގެ އިލެކްޝަންސް ކޮމިޝަނަރު ފުއާދް ތައުފީގު. -- ހުސެއިން ވަހީދު / މިހާރު ފޮޓޯ

މީގެ އިތުރުން މަޖިލިހަށް ހޮވިއްޖެ ނަމަ ދާއިރާގައި އޮފީހެއް ހުޅުވުމާއި ކޮންމެ މަހަކު އެއްފަހަރު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމާއި ސިޔާސީ ހަރަދުތައް ކުރުމަށް ވަކި ބޭންކު އެކައުންޓެއް ހަދަން ވެސް އެ ކެންޑިޑޭޓުން ވަނީ އެއްބަސްވެފަ އެވެ.

އެ ކެންޑިޑޭޓުންނަށް ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ ހިފަހައްޓާނެ ބައެއް އުސޫލުތަކާއި ގަބޫލުކުރާ އުސޫލުތަކެއް ވެސް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ.

އެގޮތުން މެންބަރުންގެ މުސާރައަކީ އަމިއްލައަށް ކަނޑައަޅާ އެއްޗެއްގެ ބަދަލުގައި ޕޭ ކޮމިޝަނަކުން ކަނޑައަޅާ އެއްޗެއް ކަމަށް އެ މެންބަރުން ގަބޫލު ކުރެ އެވެ. އަދި މަޖިލިހަށް ގަޑިޖެހިގެން ދާ ދުވަސްތަކުގައި މުސާރައިން ފައިސާ ކެނޑޭ ގޮތަށް ހަމަޖެއްސުމަށް ވެސް އެ ފަސް މެންބަރުން ތާއީދުކުރެ އެވެ.

އެ ފަސް ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ދިމާވާ ގޮންޖެހުންތަކާ މެދު ވާހަކަ ދައްކަވައިފަ އެވެ. އަދި ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށްވުރެ މިވަގުތު އަމިއްލަ ކެންޑިޑޭޓަކަށް ވޯޓު ދިނުން ބުއްދިވެރި ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރި ބައެއް ބޭފުޅުން: ވިދާޅުވެފައި ވަނީ މެންބަރުން ކެމްޕެއިނު ދުވަސްވަރު ރައްޔިތުން "ބޭނުންކޮށްލަނީ" ކަމަށް -- ހުސެއިން ވަހީދު / މިހާރު ފޮޓޯ

އެގޮތުން ފުއާދު ވިދާޅުވީ ބޭނުންވަނީ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުން ކަމަށާއި މިދިޔަ ހަތަރު އަހަރު ވެސް އެ މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.

"ޕާޓީއަކަށް ނިސްބަތްވީތީވެ ހަމައެކަނި ވޯޓު ނުދެއްވާ. އެ ކެންޑިޑޭޓުންނަކީ ކޮން ބައެއްތޯ ކިހާ ފެންވަރެއްގެ ބައެއްތޯ ބައްލަވާ،" ފުއާދު ވިދާޅުވި އެވެ.

ހަމްޒާ ވިދާޅުވީ މިހާރު ތިބި މެންބަރުންނާ ރައްޔިތުންނާ ގުޅުން ނޯންނަ ކަމަށާއި މެންބަރުންނާއި ކެންޑިޑޭޓުން ރައްޔިތުން "ކޮރަޕްޝަނުގެ ތެރެއިން ބޭނުންކޮށްލަނީ" ކަމަށެވެ.

އަހުމަދު މުސްތަފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ވިކެނީ ޕާޓީތަކުގެ ބަސް ކަމަށާއި ރައްޔިތުންގެ ބަސް ނުވިކޭ ކަމަށެވެ. އަދި އަބްދުﷲ އަފީފް ވިދާޅުވީ "ޕާޓީތަކުގެ މެންބަރުން ތިބެނީ އަޅުވެތިވެފައި" ކަމަށެވެ.

ދިލްޝާން ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލިސް ހިންގަމުންދަނީ "ޕާޓީތަކުގެ ކޯޅުންގަނޑެއްގެ ތެރޭގައި" ކަމަށެވެ. މިނިވަން ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ޑރ. ޝިޔާމް ވިދާޅުވީ "މުޅި ނިޒާމް" ހަރާބުވެފައިވާ ކަމަށާއި ޕާޓީތަކުގެ މަތީ ފަޑީގައި ތިބި ފަރާތްތަކުން ވަނީ ޕާޓީތައް ހިސޯރުކޮށްފައި ކަމަށެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ކަނޑައެޅުމާއި ކެމްޕޭނު ހަރަކާތްތައް މިހާރު އަންނަނީ ކުރިއަށެވެ. މިފަހަރު އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ކުރީގެ ބައެއް ވަޒީރުން ވެސް ވާދަކުރައްވަ އެވެ.