އިލްހާމް މިފަހަރު ވާދަކުރައްވަނީ އުނގޫފާރު ދާއިރާ އަށް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުނގޫފާރު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.


އިލްހާމް "މިހާރު" އަށް ރޭ ވިދާޅުވީ އުނގޫފާރު ދާއިރާގެ ޖުމްހޫރީ ޕާޓީގެ ޓިކެޓަށް އެދި އެ ޕާޓީ އަށް ހުށަހަޅާފައިވާއިރު، ޓިކެޓު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އިލްހާމް، އެންމެ ފުރަތަމަ މަޖިލީހުގައި ފުރުއްވީ އޭނާގެ އުފަން ރަށް ގެމަނަފުށި ދާއިރާގެ ގޮނޑި އެވެ. އެ އަށް ފަހު، ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހު، އޭނާ ފުރުއްވީ ދަނގެތި ދާއިރާގެ ގޮނޑި އެވެ.

އުނގޫފާރު ދާއިރާގެ ގޮނޑި މިހާރު ފުރުއްވަނީ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާކޮށް، އަށް މަސް ދުވަހު ޖަލުގައި އޮންނެވި އިލްހާމް ވިދާޅުވި ގޮތުގައި އޭނާ އަކީ ގައުމީ ވަންތަ ހިޔާލުގެ ބޭފުޅެކެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.

"ދަނގެތި ދާއިރާ އަށް ހޮވުނު އިރު ވެސް ބުނެފައި އޮންނާނީ އެ ދާއިރާގެ ގޮނޑި އެއް ދައުރު ފުރިހަމަ ކުރާނަމޭ. އެހެންވެ އެގޮތުގެ މަތިން އެހެން ދާއިރާ އަކަށް މި ފަހަރު މި ކުރިމަތިލަނީ،" އިލްހާމް ވިދާޅުވި އެވެ.

ދަނގެތި ދާއިރާ އަށް ހިދުމަތްތަކެއްކޮށް ދެއްވިފައިވާ ކަން ފާހަގަ ކުރައްވައި އިލްހާމް ވިދާޅުވީ ކުރީގެ ސަރުކާރުން އެ ދާއިރާ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށެވެ.

ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަން ވެސް ކުރިން ކުރެއްވި އިލްހާމް ވަނީ ޑީއާރުޕީ އާއި ޕީޕީއެމާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަން ކުރައްވައިފަ އެވެ. އޭނާ އަކީ މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އެޑްވައިޒަރެވެ.