ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަށާ ފާރު އުސްކުރަނީ

ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ވަށާ ފާރު އުސްކުރަން ފަށައިފި އެވެ.


އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަށާ ފާރު އުސްކުރަން ހަވާލުކޮޮށްފައި ވަނީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާ އެވެ.

މަޖިލީހުގެ އިދާރާގެ ވަށާ ފާރު އުސްކުރަނީ ކިތައް ފޫޓަށް ކަމެއް އަދި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކިތައް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމެއް އަދިއެއް ނޭނގެ އެވެ. އެ މަސައްކަތާ ބެހޭ ގޮތުން މަޖިލީހުގެ އަމީން އާއްމުގެ ބަހެއް އަދި ނުލިބެ އެވެ.

ވަށާ ފާރު އުސްކުރާ ވާހަކަ ކުރިން ދައްކަވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ. އޭނާ އެ ވާހަކަފުޅު ދެއްކެވީ އިދިކޮޅު ފަރާތްތައް މަޖިލިހުގެ އިދާރާ އަށް ވަނުމަށް ސިފައިން ހުރަސް އެޅުމުން މެމްބަރުން ފާރުމަތިން އެރުއްވި ދުވަސްވަރުގަ އެވެެ. ނަަމަވެސް މޫސަ "މިހާރު" އަށް މިރޭ ވިދާޅުވީ ވަށާ ފާރު އުސްކުރުމުގެ މަސައްކަތް ފެށި ކަމެއް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގޭ އެކަހަލަ މަސައްކަތެއް ކުރާ ކަމެއް. އަޅުގަނޑަށް ހަމަ ކުރިން ހެން ނޭނގޭ އަނެއްކާ ވެސް މަޖިލީހުގައި އެހެން ހިނގާ ކަންތައްތަކެއް،" މޫސަ ވިދާޅުވި އެވެ.