މާލޭގައި މީހެއްގެ ގަޔަށް ބެލްކަނީގެ ފާރުން ބައެއް ވެއްޓިއްޖެ

މާލޭގައި މީހެއްގެ ގަޔަށް ގެއެއްގެ ބެލްކަނީގެ ފާރުން ބަޔެއް މިރޭ ވެއްޓިއްޖެ އެވެ.


ފާރު ވެއްޓުނު މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ފަރުވާ ދިނުމަށް ފަހު 19 އަހަރުގެ އެ މީހާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ވެއްޓުނީ ޗާންދަނީ މަގު ރެޑް ބީ ފިހާރަ ކައިރީ ހުރި ގެއެއްގެ ފާރު ކަމަށް ފުލުހުން ބުންޏެވެ. ފާރު ވެއްޓުނީ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގަޔަށްތޯ ނުވަތަ ނޫންތޯ ފުލުހުން ނުބުނެ އެވެ.

މިއަދާއި މިރޭ ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ނުރައްކާތެރި ހާދިސާތައް ހިނގަމުންނެވެ. އެގޮތުން މާލޭ ގެއެއްގެ ފަސް ވަނަ ބުރިން 14 އަހަރުގެ ކުއްޖަކު މިއަދު ވަނީ ވެއްޓިފަ އެވެ. އަދި ސަފާރީއަކުން ޑައިވް ކުރަން ފޭބި ރަޝިޔާގެ 40 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން ހުޅުމާލޭ ރޯ ހައުސްއެއްގެ ޓެރަސް މަތީގައި ވެއްޓިފައި އޮތް މީހަކު ވެސް މިއަދު ވަނީ ފެނިފަ އެވެ. އަދި ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު ޕާކިސްތާނުގެ މީހަކު ގެނބިގެން ވަނީ ފަރުވާ ދޭންޖެހިފަ އެވެ.