މުހިންމު މަސައްކަތްތަކަކަށް ފޮރިން މިނިސްޓަރު ތިން ގައުމަކަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާރިޖީ ދާއިރާގައި ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އިން މިރޭ ފުރާވަޑައިގެންފި އެވެ.


ޝާހިދުގެ ދަތުރުގައި ޔުނައިޓެބް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އެމެރިކާ އަދި އިނގިރޭސި ވިލާތަށް ވަޑައިގަންނަވާނެ އެވެ. މި ދަތުރުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މާލެއިން ފުރާވަޑައިގަތުމުގެ ކުރިން ޝާހިދު ދެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ޔޫއޭއީގެ ދަތުރުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ދަތުރުގެ މަގްސަދަކީ ރާއްޖޭގެ ތަރައްގީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ކަންކަން ކުރުމުގައި ޔޫއޭއީގެ އެހީ އާއި އެއްބާރުލުން ހޯދުން،" ޝާހިދު ވިދާޅުވި އެވެ.

ވޮޝިންޓަނަށް ކުރާ ދަތުރުގައި ހާރިޖީ ދާއިރާ އަލުން ރާއްޖެއިން ބައްޓަން ކުރުމުގެ ގޮތުން ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"އެހެންވީމާ އެ ގުޅުންތައް އިތުރަށް ބަދަހިކޮށް އަޅުގަނޑުމެން ބައިނަލްއަގްވާމީ މުޖްތަމައުގައި އަލުން ބައިވެރިވާން ފެށި ކަންތައް ހަރުދަނާ ކުރުމުގެ މަޝްވަރާ ކުރުމަށް އަޅުގަނޑު ކުރާ ދަތުރެއް މިއީ،" އޭނާ ވިދާޅުވި އެވެ.

އދ. ގެ ސަލާމަތީ މަޖިލިހުން ބާއްވާ ތިމާވެއްޓާ ބެހޭ ކޮންފަރެންސެއްގައި ޝާހިދު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ ފަހުން އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބާއްވާ ޑިމޮކްރަސީއާ ގުޅޭ ބައްދަލުވުމެއްގައި ވެސް ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.