އަދާލަތު ޕާޓީން ޕްރައިމަރީ ބާއްވަނީ އިނގުރައިދޫ ދާއިރާ އަށް އެކަނި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީ (އޭޕީ)ގެ ޓިކެޓަށް ހުޅުވާލުމުން ޕްރައިމަރީ ބާއްވަން ޖެހުނީ އިނގުރައިދޫ ދާއިރާ އަށް އެކަނި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.


އަންނަ މަހު 6 ގައި އޮންނަ އިންތިޚާބުގައި އަދާލަތު ޕާޓީން 13 ދާއިރާ އަކަށް ވާދަކުރެ އެވެ. އެއީ، އެއްބަސްވުމުގައިވާ ގޮތުން ކޯލިޝަން ސަރުކާރުގައި އެ ޕާޓީ ތަމްސީލްވާ ނިސްބަތުން ގޮނޑި ލިބޭ އަދަދެވެ. އެ ދާއިރާތަކަށް ހުޅުވާލުމުން އިނގުރައިދޫ ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށް ކުރިމަތިލީ އެންމެ މީހެކެވެ.

އިނގުރައިދޫ ދާއިރާ އަށް ކުރިމަތިލީ ދެ މީހުންނެވެ. ޓިކެޓް ދޭނެ މީހަކު ހޮވާނީ ހުކުރުދުވަހު ބާއްވާ ޕްރައިމަރީންނެވެ.

އެ ދާއިރާގެ އިތުރުން އަދާލަތުން ވާދަކުރަނީ ކެލަ އާއި ވައިކަރަދު އާއި ހަނިމާދު އާއި ކާށިދު އާއި މަހިބަދު އާއި މުލަކާއި ނިލަންދު އާއި ގަމާއި ފުވައްމުލަކު ދެކުނާއި ފޭދު އާއި މާފަންނު ދެކުނު ދާއިރަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އަދާލަތު ޕާޓީ ތަމްސީލް ކުރައްވަނީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އެކަންޏެވެ.

ސަރުކާރު ކޯލިޝަނުން ނިންމާފައި އޮތީ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް މަޖިލީސް އިންތިޚާބުގައި ވެސް އެކުގައި ވާދަކުރާށެވެ. އެކަމަކު ގޮތެއް ނުނިމި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ކޯލިޝަން ދެމިއޮތް ކަމާ މެދު އޮތީ ސުވާލު އުފައްދައިފަ އެވެ. މި ހާލަތުގައި ވެސް އަދާލަތުގެ ވިސްނުމަކީ ކޯލިޝަންގައި ދެމިތިބެ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިދިނުމެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ އޮންނަން ޖެހޭނީ އެ ޕާޓީ އަށެވެ. އެކަމަކު ކޯލިޝަން ސަރުކާރެއް ދެމިއޮންނައިރު ވަކި ޕާޓީއަކަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތުމާ ޖޭޕީން ދެކޮޅެވެ. އެ ޕާޓީން ތާއީދުކުރަނީ، ސަރުކާރުގައި ޕާޓީތައް ވެސް ހިއްސާވާ ނިސްބަތަށް މަޖިލީހުގެ ގޮނޑިތައް ވެސް ޕާޓީތަކަށް ބަހާލުމަށެވެ.

އެއީ، އެމްޑީޕީ އަށް 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 17 ދާއިރާ އެވެ. މިގޮތަށް އެއްބަސްނުވެވި ޕާޓީތަކުން ވަކިވަކިން ވާދަކުރަން މިހާރު އަންނަނީ ކެމްޕޭން ކުރަމުންނެވެ.