މަޖިލީހަށް ކުރިމަތިލާން މި މަހު 28 ގައި ހުޅުވާލަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 28 ގައި ހުޅުވާލަން ނިންމައިފި އެވެ.


އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ، އަންނަ މާޗް މަހު 6 ގައި ބާއްވާ އިންތިޚާބަށް ދެ ދާއިރާ އިތުރުކޮށް، ޖުމްލަ 87 މެމްބަރަކު ހޮވުމުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ ކަަމަށެވެ. މަޖިލީސް އިންތިޚާބަށް ވެސް ތަރުތީބުތަކެއް ކަނޑައަޅާފައިވާއިރު، އަންނަ ހަފުތާގައި އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ.

އެ އިންތިޚާބަށް ޕާޓީތަކުގެ ޓިކެޓާއި އަމިއްލަ ގޮތުން ގިނަ ބަޔަކު ވާދަކުރާނެ ކަން އިއުލާންކޮށް މިހާރު އަންނަނީ ކެމްޕޭން ވެސް ކުރަމުންނެވެ.

މިފަހަރު އޮންނާނީ ބެލެވޭ ގޮތުގައި ވަރަށް ވާދަވެރި އިންތިޚާބެކެވެ. އެއީ، މި އިންތިޚާބުގައި ކުރީގެ ރައީސުންނާއި ކުރީގެ ސަރުކާރުތަކުގެ ވަޒީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުން ވެސް ވާދަކުރައްވާތީ އެވެ.

ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް މަޖިލީސް އިންތިޚާބުގައި ވެސް ސަރުކާރު ކޯލިޝަނުން އެކުގައި ވާދަކުރަން ނިންމި އެވެ. އެކަމަކު ޚިޔާލުތަފާތުވުންތައް ބޮޑުވެ އެކަން ކާމިޔާބެއް ނުވި އެވެ.

މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައި މިދިޔަ ހުކުރުދުވަހު ބޭއްވި ޕްރައިމަރީގައި ވަނީ ޓިކެޓް ދޭނެ މީހުން ހޮވައިފަ އެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ވެސް އަންނަނީ ހޮވަމުންނެވެ.

ދައުލަތުގެ އިސް މަގާމްތަކެއް ފުރުއްވި ބޭފުޅުންތަކެއް މަޖިލީހަށް ވާދަ ކުރައްވަން ނިންމެވިއިރު، މި ހިނގާ ދައުރަކީ މަޖިލީހުގެ ތާރީޚުގައި ވެސް އެންމެ މަދުން ޖަލްސާތައް ބާއްވައި މަސައްކަތްތައް ކުރިއަށް ގެންދިޔަ ދައުރެވެ. މަޖިލީހުގެ ގާނޫނީ ބާރުތައް، ނިގުޅައިގަނެ، ގިނަ ޖަލްސާތައް ބޭއްވީ ސަރުކާރު ބޭނުންވާ ވަކި ކަންތައްތަކެއް ހާސިލްކުރުމަށެވެ. މިކަން ބޮޑުވެ، ހިނގި ހަމަނުޖެހުންތަކުގައި މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ވެސް ކަނޑައެޅި އެވެ. އެކަމަކު އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.