ހިޔާނާތް ފަޅާއަރުވާލާ މުވައްޒަފުންނަށް ސްޓެލްކޯ އިން ހިމާޔަތް ދެނީ

ކުންފުނީގެ ތެރޭގައި ހިންގާ ހިޔާނާތުގެ ކަންކަން ހާމަކުރާ މުވައްޒަފުންނަށް ހިމާޔަތް ދޭނެ ނިޒާމެއް އެކުލަވައިލަން ނިންމައި އެކަން ސްޓެލްކޯ އިން މިއަދު އިއުލާން ކޮށްފި އެވެ.


ކޮރަޕްޝަނާއި ހިޔާނަތް ހުއްޓުވުމުގެ "އަހަދުނާމާ"ގައި ސޮއިކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކި ޕްރެޒެންޓޭޝަނެއްގައި ބުނީ، އެ ކުންފުނީގެ ތެރޭގައި ހިންގާ ހިޔާނާތުގެ ކަންކަން ހިއްސާކުރާ މުވައްޒަަފުން ހިމާޔަތް ކުރުމުގެ އިތުރުން އެފަދަ ކަންކަމާ ގުޅޭ ޝަކުވާތައް ހުށަހަޅާނެ ނިޒާމެއް ވެސް ގާއިމްކުރާނެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުގްނީ ވިދާޅުވީ، އޭނާގެ އަމާޒަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދައުލަތުގެ ފުރަތަމަ ކުންފުންޏަށް ސްޓެލްކޯ ހެދުން ކަމަށެވެ.

"ސްޓެލްކޯ ފަދަ ރައްޔިތުންނަށް ހިދުމަތް ދޭ ކުންފުނިތަކުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން އިސްކަން ދީގެން މަސައްކަތްކުރާނެ ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކޮރަޕްޝަނާއި ފަސާދަ އާއި ނާޖާއިޒް ފައިދާތައް ހޯދުމާ ދެކޮޅަށް މަސައްކަތް ކުރުމަށް،" ކުރިން ސްޓެލްކޯގައި ވަރަށް ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި ސަމީރު ވިދާޅުވި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވާހަކަ ދައްކަވަނީ .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ކުރާ މަަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ މާލީ ބަޔާން ހާމަކުރާކަން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސް ބައެއް ވެރިން އެ އަހުދުގައި ސޮއިކުރެއްވި އެވެ. އަދި ސްޓެލްކޯގެ 1،000 އަށް ވުރެ ގިނަ މުވައްޒަފުން އޭގައި ސޮއިކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.