ރާޑަރު ބެހެއްޓުމަށް އިންޑިޔާ އިން މަޝްވަރާތައް ފަށަނީ

އިންޓަ ކޯސްޓަލް ސާވައިލެންސް ރާޑާ ސިސްޓަމް (ސީއެސްއާރް) އެއް ރާއްޖޭގައި ގާއިމް ކުރުމަށް ރާއްޖެއާ އެކު އަލުން މަޝްވަރާތައް ފެށުމަށް އިންޑިޔާއިން ނިންމައިފި އެވެ.


އިންޑިއާގެ ނޫސްތަކުން މިއަދު ބުނީ ރާޑަރު ބެހެއްޓުމަށް މަޝްވަރާ ކުރާނީ ރާއްޖޭގެ ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ކަމަށެވެ.

އެކަމާ ބެހޭ މަޝްވަރާތައް ވެސް ކުރާނީ ދިފާއީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް ގެންދާ ޑިފެންސް ޑައިލޮގްގެ ބައެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ރާޑަރު ބެހެއްޓުން ވެސް ހިމެނޭ ގޮތުން ޑިފެންސް މަޝްވަރާތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އެ މަޝްވަރާތަކަކީ އޭރު ދެ ގައުމުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.

އިންޑިއާ ސަރުކާރާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ސީއެސްއާރް ގާއިމްކުރަން ސަރަހައްދުގެ އެހެން ބައެއް ގައުމުތަކާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން މިޔަންމާ، އިންޑޮނޭޝިއާ އަދި ބަންގްލަދޭޝް އެކުގައި ވެސް އެ މަޝްވަރާތައް ވަނީ ފަށައިފަ އެވެ.

ރާއްޖޭގައި ގާއިމްކުރަން މަޝްވަރާ ކުރާ ރާޑާ ސިސްޓަމްގެ ކުރީގެ ވައްތަރެއް އަވަށްޓެރި ސްރީލަންކާ އާއި މޮރިޝަސް އާއި ސީޝެލްސްގައި ކުރިން ވަނީ ގާއިމްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާއިން ދިވެހި ސަރުކާރާ މަޝްވަރާކުރަނީ ލ. އަތޮޅުގައި ރާޑާ ސިސްޓަމް ގާއިމްކުރާށެވެ.

ރާޑަރު ސިސްޓަމް ގާއިމްކުރަން މަޝްވަރާ ކުރާއިރު އިންޑިއާއިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ބަލަަހައްޓަން އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބޭތީ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ހެނދުނު ވަނީ އިންޑިއާ އަށް ފުރާވަޑައިގެންފަ އެވެ.