ޕީއެންސީގެ ދިފާއުގައި ގާސިމްގެ އިލްތިމާސެއް އީސީ އަށް!

ޕީޕީއެމްގެ ސިޔާސީ ކުރިމަގާ މެދު ސުވާލު އުފެދިފައިވާތީ އުފައްދާ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)އާ މެދު އެއްވެސް ތަފާތު ކުރުމެއް ނެތި، ރަޖިސްޓްރީ ކުރުމުގެ ކަންކަން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންގޮސްދެއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިލެކްޝަންސް ކޮމިޝަން (އީސީ)ގައި މިއަދު އެދިވަޑައިގެންފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންސީ ރަޖިސްޓްރީ ކުރުމުގައި ތަފާތު ކުރުން ނުގެންގުޅެން ގާސިމް މި އެދިވަޑައިގަތީ ސިޔާސީ ގޮތުން އެ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން އުޅޭ ކަމުގެ އިޝާރާތްތަކެއް ދެއްވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ޕީއެންސީ ރަޖިސްޓްރީ ކުރުން ލަސްވެ، އެތައް މެމްބަރުންނެއްގެ ހައްގު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. އެއީ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ، އިލެކްޝަންސް ކޮމިޝަނުން ޒާތީވެ، ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕާ ދެކޮޅަށް ހިންގާ "ވަރަށް ބޮޑު ޖަރީމާއެއް"ގެ ގޮތުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ސިފަކުރައްވަ އެވެ.

އެ މައްސަލަ އަށް ހައްލެއް ހޯދައިދޭން އެދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންތަކެއް ވަނީ މަޖިލީހުގައި މިއަދު ހެނދުނު ގާސިމްއާ ބައްދަލު ވެސް ކުރައްވައިފަ އެވެ. އެއީ، ޔާމީނާއި ގާސިމް އެކުގައި މަސައްކަތް ކުރެއްވުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވަނީ ވިދާޅުވެފަ އެވެ.

ގާސިމް، އީސީގެ މެމްބަރުންނަށް ގުޅުއްވީ އެ ބައްދަލުވުމަށް ފަހު އެވެ.

އެ ފޯނު ކޯލުގައި، ޕީއެންސީ އުފައްދަން ތަފާތު ކުރުން ގެންގުޅޭ ކަމަށް އީސީން އެއްބަސްވި ކަމަށް ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ތުހުމަތު ހަބީބް ދޮގު ކުރެއްވި އެވެ.

"ކޮމިޝަންގެ ރައީސް [އަހްމަދު ޝަރީފް] އެ ވަގުތު ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ ގާސިމް އަޅުގަނޑަށް ގުޅުއްވީ. ވިދާޅުވީ ޕީއެންސީ ރަޖިސްޓްރީ ނުވެގެން މެމްބަރުންތަކެއް ބައްދަލު ކުރައްވައޭ. އެހެންވެ ސާފުކޮށްލަން ގުޅުއްވީ ކަމަށް،" ހަބީބް "މިހާރު" އަށް ވިދާޅުވި އެވެ.

ގާސިމް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާ މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ/ޓުވިޓާ

ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ލަސްވަނީ ޕީއެންސީން ހުށަހެޅި ބައެއް ފޯމުގައި ސޮއި ދިމާނުވުމާއި އެޑްރެސް ދިމާނުވުމާއި ޕީއެންސީ އަށް ސޮއިކުރި ކަމަށް ބައެއް މީހުން އިންކާރު ކުރުން ފަދަ މައްސަލަތަކާ ހެދި ކަމަށް ގާސިމަށް ދެންނެވި ކަމަށް ހަބީބް ވިދާޅުވި އެވެ.

"ގާސިމް އެދިވަޑައިގަތީ ތަފާތު ނުކޮށް، ގާނޫނީ އިމުގެ ތެރެއިން ޕީއެންސީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވަން،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީސީއާ ދެކޮޅަށް މަޖިލީހުގެ ކޮމެޓީ އަށް މައްސަލަ ހުށަހަޅައިފި ނަމަ ކުރިއަށް ގެންދަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތަށް އެކަން ކުރިއަށް ގެންދަން އެދިވަޑައިގަތް ކަމަށާއި އީސީއާ މެދު ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަން ސާފުވާނީ ވެސް އޭރުން ކަމަށް ގާސިމަށް ދެންނެވި ކަމަށް ހަބީބް ވިދާޅުވި އެވެ.

ޕީއެންސީ އުފައްދަން ހުރަސްތައް ކުރިމަތިކުރާ ކަމަށް ބުނެ އީސީއާ ދެކޮޅަށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް މައްސަލަ ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް އެ ޕާޓީގެ އިސް ބޭފުޅުންތަކަކަށް ވަނީ ދީފަ އެވެ. އެކަމަކު އެ ޕާޓީގެ ނަމުގައި އެ ބޭފުޅުންނަށް ކުރިމަތިލެވޭކަށެއް ނެތެވެ. އެއީ، ޕާޓީގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރަން އާއްމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން އަމިއްލަ އަށް ބަލާ މައްސަލައިގެ ހުކުމް އަތުވެދާނެ ގޮތަކުންނެވެ.

މަޖިލިސް އިންތިޚާބު އަންނަ އެޕްރީލް މަހު އޮންނައިރު، ދެން އޮތް އެންމެ ކުރު މަގަކަށް ޕީޕީއެމްގެ ލީޑަޝިޕަށް ފެނިވަޑައިގަތީ ޕީއެންސީ އުފައްދައި އެ ޕާޓީން ވާދަ ކުރުމެވެ.